28 Jul 2019, 13:13
ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ 'ޖާސްޓެލް' ބުއިމުގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
އެ ބުއިމުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު މިދިޔަ ހަފްތާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ބުއިމުގައި އެއީ ބަނގުރާ އެކުލެވިގެން ނުވާ ބުއިމެއްގެ ގޮތުގައި ޖަހާފައި އިން ނަމަވެސް، އޭގައި ބަނގު އާވި ހިމެނޭ ކަމަށެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލަ އަކީ ކުރިން ފާހަގަ ކުރެވި ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.
"ކަސްޓަމްސް އަށް މި މައްސަލަ ކުރިން ސުރެ ފާހަގަވެ، މި މައްސަލަ އަކީ ބަލަމުންދާ މައްސަލައެއް ކަމުގައި ދެންނެވީމެވެ،" ކަސްޓަމްސް އިން ބުނެޏެވެ.
މައްސަލަ އަކ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ އާންމު ފިހާރަތަކުން އެ ބުއިން ވިއްކަމުން އަންނާތީ އުމަރު ވަނީ އެކަން ފުލުހުންނާއި ކަސްޓަމްސްގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެކަން ބެލުމަށްފަހު އެ ބުއިން ފިހާރަތަކުން ނެގުމަށް ވެސް އުމަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށެވެ.