01 Nov 2011, 00:09
ދީން "ވިއްކައިގެން" ރާއްޖޭގެ ވެރިކަމަށް ދުވަހަކު ވެސް އެއްވެސް ބަޔަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދާލަތު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދީން ވިއްކައިގެން ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު ދެން އެއްވެސް ބަޔަކަށް ނުދޭނެ ކަމަށާއި އެމްޑީޕީން އެކަން ހުއްޓުވާނެ ކަމަށެވެ.
"އަޅުގަނޑު ޗެލެންޖްކޮށްފައި މިބުނަނީ، ލާހިކު ކުޅަދާނައެއް ދެނެއް މިގައުމަށް ދީން ވިއްކައިގެން ވެރިކަމަށް އަންނާކަށް. ނުކުރެވޭނެ އެކަމެއް. އަޅުގަނޑުމެން ތެދުވާނަން އެކަމާ ދެކޮޅަށް،" ނާޒިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމުރާން އަބުދުﷲ އަށާއި ޝައިހު މުހައްމަދު ޝަހީމު އަލީ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު ނާޒިމް ވަނީ އެ ދެ ބޭފުޅުންގެ ކިބައިން އަދާލަތު ޕާޓީ ސަލާމަތް ކުރުމަށް ގޮވާލާފަ އެވެ. އަދި ވިދާޅުވީ ޝަހީމާއި އިމުރާނު އަދި އަދާލަތު ޕާޓީ ނެތަސް ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް އިސްލާމްދީން ދެމި އޮންނާނެ ކަމަށެވެ.
ހުތުބާ ވަކިގޮތަކަށް ލިއުއްވުމަށް ނާޒިމް ބާރު އެޅުއްވި ކަމަށް ޝަހީމް ވިދާޅުވި ވިދާޅުވުމަށް ވެސް ނާޒިމް ވަނީ މިރޭގެ ޖަލްސާގައި ރައްދު ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހުތުބާގައި ލިއުމަށް ޝަހީމަށް ދެންނެވި ކަމަށާއި އެއީ އޭނާ އަށް ރައްޔިތުން ދެއްވާފައިވާ މެންޑޭޓެއްގެ ދަށުން ކުރެއްވި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ޝަހީމާއި އިމްރާނަކީ ސިޔާސީ ގޮތުން "ސެއްޅިއެއް"ގެ ބުރަދަން ވެސް ހުރި ދެ ބޭފުޅުން ނޫން ކަމަށެވެ.