ތޫނިސް (ޖުލައި 27) : ތޫނިސް ގެ ރައީސް މުހައްމަދުލްބާޖީ ޤާޔިދު އައްސިބްސީ ގެ ޖަނާޒާގެ ގައުމީ ފެންވަރުގައި ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަވަރާވި ސިބްސީ ގެ ޖަނާޒާގައި ތޫނިސްގެ އެތަށް ހާސްބަޔަކު ބައިވެރިވެފައިވާއިރު އެ ރަސްމިއްޔާތުގައި ބޭރުގެ ބައެއް ގައުމުތަކުގެ ރަސްކަލުންނާއި އަމީރުންނާއި ރައީސުންނާއި ބޮޑުވަޒީރުންގެ އިތުރުން ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެތެރޭގައި އަލްޖަޒާއިރުގެ ރައީސް އަބްދުލްގާދިރު ބިން ސާލިޙް އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ލީބިޔާގެ ބޮޑުވަޒީރު ފާއިޒް އައްސައްރާޖް އާއި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ ހިމެނިވަޑައިގަންނަވަ އެވެ.

ސިބްސީގެ މައްޗަށް ފާތިޙާ ކިޔަވަނީ

މީގެއިތުރުން ސްޕޭންގެ ރަސްގެފާނު ފިލިޕް ހަވަނަ އާއި ޕޯޗްގަލްގެ ރައީސް މާސެލޯ ރެބެލޯ ޑިސޯސާ އާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލްޣައިތު އާއި އަރަބި އިސްލާމީ ގައުމުތަކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކާ އަދި އެފްރިކާގެ އެތަށް ގައުމެއްގެ މަންދޫބުންވެސް ސިބްސީ ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އުމުރުފުޅުން 92 އަހަރުގެ ސިބްސީ މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވީ ހާލުކޮޅު ބޮޑުވެގެން ވެރިރަށް ތޫނިސްގެ އަސްކަރީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫ ގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ސިބްސީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި ބޭރު ގައުމުތަކުގެ އިސްވެރިން

ރަސްމީ އިއްޒަތުގައި ސިބްސީ ގެ ހަށިކޮޅު ފަސްދާނު ލާފައިވަނީ ވެރިރަށް ތޫނިސްގެ ގަބްރުސްތާނެއް ކަމަށްވާ މަގްބަރަތުލް ޖަލާޒްގައި ވާ ސިބްސީ ގެ އާއިލާގެ ބޭފުޅުން ފަސްދާނުލާ ސަރަހައްދުގަ އެވެ. ސިބްސީ އަވަހާރަވުމާ ގުޅިގެން ތޫނިސްގެ ވަގުތީ ރައީސް ކަމަށް ޕާލަމެންޓްގެ ރައީސް އުމުރުފުޅުން 85 އަހަރުގެ މުޙައްމަދު އަންނާޞިރު ވަނީ އިސްވެ ވަޑައިގެންފަ އެވެ.

ސިބްސީ އަވަހާރަވުމާ ގުޅިގެން ތޫނިސްގައި ހަތްދުވަހުގެ ގައުމީ ހިތާމަ އިއްލާންކޮށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާއިރު ވަގުތީ ރައިސް ނާސިރު ވަނީ ރިޔާސީ އިންތިޚާބުގެ ކަންތައް އަވަސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)