ބަޣްދާދު (އޮކްޓޫބަރު 31): ޢިރާޤުން މިހާތަނަށް ނުފާބައިތިބި އެމެރިކާ ސިފައިންގެ އެންމެފަހުގެ ގްރޫޕްތައް އެޤައުމުން މިއަދު ފައިބަން ފަށައިފިއެވެ. ބަޣްދާދުގައި ހުންނަ އެމެރިކާގެ އެންބަސީން ބުނިގޮތުގައި ޢިރާޤުން މިހާތަނަށް ނުފާބައިތިބި އެމެރިކާ ސިފައިންގެ 50 ހާސް މީހުންނާއި އެމީހުންގެ ހަތިޔާރާއި ސާމާނުތައް ޢިރާޤުން ބާލަންފަށައިފި ކަމަށާއި ނޮވެމްބަރމަސް ނިމުމުގެ ކުރިން މިހުރިހާ ސިފައިން ޢިރާޤުން ބާލައިނިމޭނެކަމުގައެވެ.

ޢިރާޤުން އެމެރިކާ ސިފައިން ފައިބަނީ 2008 ވަނަ އަހަރު އެމެރިކާއާއި ޢިރާޤު ސޮއިކޮށްފައިވާ އަމްނާބެހޭ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން މިއަހަރުގެ ޑިސެމްބަރ ނިމުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ފައިބަންޖެހެއެވެ.

ޑިސެމްބަރ 2011 އަށްފަހު ޢިރާޤު ސިފައިން ތަމްރީންކުރުމުގެ ނަމުގައި އެމެރިކާގެ 15 ވަރަކަށްހާސް ނޫނީ 10 ވަރަކަށްހާސް ސިފައިން ޢިރާޤުގައި ބޭތިއްބުމަށް އެމެރިކާކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މިކަން ނާކާމިޔާބުވީ މިގޮތަށް ޢަސްކަރީ މުދައްރިބުންގެ ގޮތުގައި ޢިރާޤުގައި ބައިތިއްބާ އެމެރިކާ ސިފައިން ޢިރާޤުގެ ހުރިހާ ޤާނޫނުތަކަކުން އިސްތިސްނާކޮށްދިނުމަށް އެމެރިކާ އެދުނު އެދުމަށް ޢިރާޤު ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެމެރިކާގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި މިހާރު ޢިރާޤުގައިތިބި އެމެރިކާ ސިފައިން ބާލަނީ ކުވައިތުގެ މަގުންނެވެ. އިރާޤުން ބާލާ ސިފައިން ކުވައިތަށް ޖަމާކުރުމަށްފަހު އެމީހުން ގެންދާނީ ސީދާ އެމެރިކާއަށް ކަމަށް އެމެރިކާގެ ތަރްޖަމާނެއް ކަމަށްވާ ޑޭވިޑް ރަންޒް ވިދާޅުވިއެވެ. ޢިރާޤުން އެމެރިކާ ސިފައިން ފައިބާއިރު އަމިއްލައަށް ދިފާޢުވުމުގެ ޢަސްކަރީ ޤާބިލްކަން ޢިރާޤު ސިފައިންނަށް އަދި ލިބިފައިނުވާ ކަމަށް އެޤައުމުން ބުނެއެވެ.

ޢިރާޤު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ބާބަކްރު ޒީބާރީ ވިދާޅުވިގޮތުގައި ބޭރުން ކުރިމަތިވާ ނުރައްކާތަކުގެ ކުރިމަތީގައި އަމިއްލަ ޤައުމު ފުރިހަމައަށް ދިފާޢުކުރުމުގެ ޤާބިލްކަން ޢިރާޤު ސިފައިންނަށް ލިބޭނީ 2020 ގައެވެ. ނަމަވެސް ޢިރާޤު ސިފައިންގެ ޤާބިލްކަން ކޮންމެ ދުވަހަކު އިތުރުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޢިރާޤުން އެމެރިކާ ސިފައިން ފައިބައިގެންދަނީ ޢިރާޤު "މިނިވަން" ކުރުމުގެ ނަމުގައި ޢިރާޤާދެކޮޅަށް ޢުދުވާނީ އަދި ޣައިރުޤާނޫނީ ހަނގުރާމައެއްކޮށް ޢިރާޤުގެ އެތައްލައްކަބަޔަކު މަރައި އެޤައުމުގެ ބޮޑުބައެއް ތަޅައި ސުންނާފަތިކުރުމަށްފަހުގައެވެ. އަދި ޓެރަރިޒަމްގެ ހާއްޔަކަށް ޢިރާޤު ބަދަލުވެގެންދިޔައީވެސް އެމެރިކާގެ ސިފައިންގެ އިސްތިޢްމާރުގެ ދަށުގައި ޢިރާޤުއޮތް ދުވަސްތަކުގައެވެ.

މީގެއިތުރުން ޢިރާޤުގެ އަބޫ ޣުރައިބު ޖަލާއި އެނޫންޖަލުތަކުގައި އެމެރިކާ ސިފައިންވަނީ ޢިރާޤުގެ އަސީރުންނަށް އިންސާނިއްޔަތާ ޚިލާފް އަނިޔާވެރި ޢަމަލުތައް ހިންގާފައެވެ. 2004 ވަނަ އަހަރު އެމެރިކާ ސިފައިންގެ މިއަނިޔާވެރިކަން މުޅިދުނިޔެއަށް ބޭޒާރުވެގެން ގޮސްފައިވެއެވެ. (ނޫސްއެޖެންސީތައް)