27 Jul 2019, 18:19
މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިފަހަރު ރާއްޖެއިން ކަނޑައެޅި އަމާޒުކަމަށްވާ 15 މެޑަލް ހާސިލުކޮށް މުޅި ދިވެހިރާއްޖެ ފަޙުރުވެރިކޮށްދީފި އެވެ.
ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް މިފަހަރުގެ އަމާޒެއްކަމުގައި ކަނޑައެޅި 15 މެޑަލް މިއަދު އޮތް ސިންގަލްސް ޓީޓީ ފައިނަލަށް ރާއްޖޭގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ ދަތުރު ކުރުމުން މިހާރު ވަނީ ހާސިލު ވާނެ ކަމުގެ ޔަގީންކަން ލިބިފަ އެވެ. ރާއްޖޭން 2015 ވަނަ އަހަރު 10 މެޑެއްޔަށް ޓާގެޓްކޮށް ހޯދުނީ ނުވަ މެޑެއްޔެވެ.

އައިއޯއައިޖީގައި ވާދަ ކުރި ދިވެހި ކޮންޓިންޖެންޓު --- ފޮޓޯ// އެމްއޯސީ
އެންމެ ފަހުން މި ގޭމްސް ރީޔޫނިއަންގައި އޮތް އަހަރު ރާއްޖޭން ވަނީ ފުރަތަމަ ފަހަރަށް މި ގޭމްސްގައި ރަން މެޑަލް ހޯދައިފަ އެވެ. ނަމަވެސް މި ފަހަރު މިވަނީ އޭގެ ހަތަރު ގުނަ އިތުރުކޮށް ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ.
މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ހޯދި މެޑަލްތަކަކީ:
1. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް (ރަން) - ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ، މުއީނާ މުހައްމަދު، ޖުމާނާ ނިމާލް
2. ބީޗް ވޮލީ ޓީމް އިވެންޓް (ރިހި)
3. ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓު (ލޯ)
4. ބެޑްމިންޓަނުގެ ފިރިހެން ޓީމު އިވެންޓު (ލޯ)
5. ޓޭބަލް ޓެނިސް ވިމެންސް ޑަބަލްސް (ރިހި) - ހޯދީ: މުއީނާ މުހައްމަދު، ޖުމާނާ ނިމާލް
6. ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް (ރަން) - ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ
7. އެތުލެޓިކްސް ފިރިހެނުންގެ 200 މީޓަރު ދުވުން (ލޯ) - ހޯދީ: ހަސަން ސާއިދު
8. ޕެރެ 100 މީޓަރު ދުވުން (ލޯ) - ހޯދީ: މުހައްމަދު މާޒިން
9. ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން (ލޯ) - ހޯދީ: ހަސަން ސާއިދު، އިބްރާހިމް އަޝްފާން އަލީ (އައްޕި)، ސަރީސް އަހުމަދު، ނުޖޫމް ހަސަން
10. ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް (ރިހި) - ހޯދީ: އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ
11. ބެޑްމިންޓަނުގެ ވިމެންސް ސިންގަލްސް (ރަން) - ހޯދީ: އައިމިނަތު ނަބީހާ
12: ބެޑްމިންޓަން މިކްސް ޑަބަލްސް (ލޯ) - ހޯދީ: މުހައްމަދު އަޖުފާން ރަޝީދު، މައިސާ ފަތުހުﷲ
13: ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް (ލޯ) - ހޯދީ: ޝިއުނާޒް އަބްދުލްވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)
14: ޓީޓީ ވިމެންސް ސިންގަލްސް (ރަން) - ހޯދީ: ދީމާ އަލީ
15: ޓީޓީ ވިމެންސް ސިންގަލްސް (ރިހި) - ހޯދީ: އައިޝަތު ރަފާ
ރާއްޖޭގެ އައިއޯއައިޖީގައި ބައިވެރިވި އެތުލީޓުން އެނބުރި މާލެ ދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވާ ހޯމަ ދުވަހު އެވެ.