31 Oct 2011, 23:47
ޕާތު (އޮކްޓޫބަރު 31) އިއްޔެ ނިމިގެންދިޔަ ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓުން އެޖަމާއަތް އިސްލާހުކުރުމަށް ގޮވާލައިފިއެވެ. އޮސްޓްރޭލިޔާގެ ޕާތުގައި އިއްޔެ ނިމުނު ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓްގައި އެޖަމާއަތަށް ނިސްބަތްވާ 54 ގައުމުގެ ވެރިން ނިންމެވި އެންމެ މުހިއްމު އެއްނިންމެވުމަކީ ކޮމަންވެލްތް މިޒަމާނުގެ ޙަޤީޤަތްތަކާ އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ބައްޓަންކުރުން ކަމަށް ބައެއްލީޑަރުން ވިދާޅުވިއެވެ.
އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ ޖޫލިއާ ގިލާޑް، ވިދާޅުވީ މިއީ ދުރުވިސްނުމުގެ ނިންމުމެއް ކަމުގައެވެ. "ކޮމަންވެލްތް ޖަމާއަތަށް ޒަމާނީ އިސްލާހްތައް ބޭނުންވާކަން އެޖަމާޢަތުގެ އިސްވެރިން ޤަބޫލުކުރެއްވުމަކީ ދުރުވިސްނުމުގެ ނިންމުމެއް"ގިލާޑް ވިދާޅުވިއެވެ.މީގެ 62 އަހަރުކުރިން އުފެއްދި ކޮމަންވެލްތް ޖަމާއަތަކީ އިނގިރޭސި އިސްތިޢްމާރުގެ ދަށުން މިނިވަންވި ޤައުމުތަކާއި އިނގިރޭސިވިލާތް ގުޅިގެން އުފައްދާފައިވާ އިއްތިޙާދީ ޖަމާއަތެކެވެ. މިޖަމާޢަތުން ވޭތުވެދިޔަ ދިގުމުއްދަތުގައި ބައެއްކަންތައްތައް ޙާސިލްކޮށްފައިވީ ނަމަވެސް މިޖަމާޢަތުގެ ޤައުމުތަކުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ފާހަގަކޮށްލެވޭފަދަ ކަންތައްކެއްކޮށް ބޮޑެތި ކާމިޔާބީ ތަކެއް ޙާސިލްކުރެވިފައެއްނުވެއެވެ.
ޕާތުގެ ސަމިޓުގައި ބައެއް ޤައުމުތަކުން ނަގަން މަސައްކަތްކުރި ސްރީލަންކާގެ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ނެގިފައެއް ނުވެއެވެ. އަދި މެންބަރު ޤައުމުތަކުގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި ވެސް އެކިޤައުމުތަކުގެ ޚިޔާލުތައް ވަރަށްބޮޑަށްތަފާތުވެގެންދިޔަކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މެންބަރު ގައުމުތަކުގެ ތެރެއިން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމުތަކަށް ފިއްތުން އިތުރުކުރުމުގައި މިހާރަށްވުރެ ބޮޑެތި ބާރުތައް އެޖަމާއަތަށް ދިނުމަށް ޕާތުގެ ސަމިޓުންނިންމިއެވެ.
ހަމައެފަދައިންކޮމަންވެލުގެ މަގާމު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ވަރުގަދަކުރުމަށް ކުރަންޖެހޭ މުހިންމު ކަންތައްތަކަކާ މެދުވެސް ޕާތުގެ ސަމިޓްގައި އެއްބަސްވުމަކަށް އާދެވުނު ކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ ޖޫލިޔާ ގިލާޑް ވިދާޅުވިއެވެ. މިގޮތުން ކޮމަންވެލްތުގެ ވެރިންގެ ސަމިޓުންވަނީ މެންބަރު ހުރިހާގައުމަކުން އެއްބަސްވާ އުސޫލުތައް ހިމެނޭ ޗާޓަރެއް އެކުލަވައިލުމަށްވެސް ސަމިޓުން ނިންމިއެވެ. ދުނިޔޭގެ އެކިބައްރުތަކަށް ނިސްބަތްވާ ތަފާތު ނަސްލުތަކާއި އާދަކާދަތަކާއި ތަފާތު ދީންތަކުގެ ދެބިލިއަންމީހުން ހިމެނޭ ކޮމަންވެލްތް ޖަމާއަތަށް މިފަދަ ޗާޓަރެއް ވަރަށް މުހިންމު ކަމެއްކަމަށް ތަޖްރިބާކާރުން ސިފަކުރައްވައެވެ.
އިނގިރޭސިވިލާތުގެ ރަސްކަން ވާރުތަވާ ގޮތް ބަދަލުކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ހުށަހެޅުއްވި ހުށަހެޅުންވެސް ފާސްވިއެވެ. އިނގިރޭސި ރަސްކަން ވާރުތަކުރާ ގޮތާބެހޭ 300 އަހަރުވީ ގާނޫނަށް ގެންނައި އިސްލާހު ބުނާގޮތުން ވަލީއަހުދަކަށް ހުންނަވާ ބޭފުޅަކު ނަސާރާއަކާ ކައިވެނިކޮށްގެން ލިބޭ އަންހެން ދަރިންނަށް، އެކަނބަލުންގެ ފިރިހެން ދަރިންގެ ކުރިންވެސް ރަސްކަން ލިބޭނެއެވެ.
މީގެމާނައަކީ އިނގިރޭސި ވަލީއުލްޢަހަދަކަށް މުސްތަޤްބަލްގައި ވެވަޑައިގަންނަވާ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓަށް އަންހެން ދަރިކަނބަނލަކު ލިބިވަޑައިގެންފިނަމަ ވިލިއަމްގެ ކުރިންވެސް އެދަރިކަނބަލުންނަށް ރަސްކަން ލިބުމަށް މަގުފަހިވެގެން ދިޔުމެވެ. މިއީ އިނގިރޭސި ބޯދާ ރަސްކަމަށް މުހިއްމު ކަމަކަށްވިނަމަވެސް މިއީ ޖޫމްހޫރީ ވެރިކަންކުރާ ކޮމަންވެލްތްގެ ގިނަ ޤައުމުތަކަށް މުހިއްމު ކަމެއް ނޫނެވެ. (ނޫސްއެޖެންސީތައް)