އިންޑިއާ ކަނޑަށް ނިސްބަތްވާ ޖަޒީރާ ގައުމުތަކުގެ މެދުގައި 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ހުރިހާ ގޭމްސްއެއްގައި ވެސް ބައިވެރިވި ދިވެހި ރާއްޖެއަށް 2023 ވަނަ އަހަރުގެ ގޭމްސް ބާއްވަން މި ލިބުނު ފުރުސަތުގައި ގައުމުތަކަށް ރަނގަޅު މެހެމާންދާރީއެއް ދޭން ޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިި ކަނޑައަޅައިގެން، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ބޮޑު ޝަރަފު ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވަން ބިޑު ކުރަން ނިންމި ނިންމުމަކީ މި ކުޑަ ކުޑަ ގައުމުގައި ދިރިއުޅޭ އެންމެން ވެސް ދެކެމުން އައި ހުވަފެނެކެވެ.

އަދި އެގޮތުން މިހާތަނަށް ބައިނަލް އަގުވާމީ މުބާރާތަކުން އެންމެ ގިނަ ކާމިޔާބީތައް ރާއްޖެއިން ހޯދާފައިވާ މި ގޭމްސް އަންނަ ފަހަރު ރާއްޖޭގައި ބާއްވަން ކުރި ބިޑު ކާމިޔާބުވީ ކަމުގެ އުފާވެރި ޙަބަރު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ދެއްވައިފަ އެވެ. މިއީ ކުޅިވަރުގެ ރޮނގުން ރާއްޖޭގެ ދިގު ތާރީހުގައި ވެސް ލިބުނު އެންމެ އުފާވެރިއެއް ޙަބަރެވެ. މިއީ މުޅި މި ގައުމު ކެތްތެރިކަމާ އެކު އުންމީދުކުރަމުން އައި ބޮޑު އިންތިޒާރެއްގެ ފެށުމެވެ.

ދިވެހި ރާއްޖޭގައި މިހާތަނަށް ބޭއްވޭ ބައިނަލް އަގުވާމީ އެންމެ ބޮޑު އިވެންޓު ކަމަށް ވާނެ އައިއޯއައިޖީގެ 2023 ވަނަ އަހަރުގެ ގޭމްސްގެ ސަބަބުން ދިވެހި ރާއްޖޭގެ ކުޅިވަރަށާއި އިގުތިސާދަށް އަދި ފަތުރުވެރިކަމުގެ ރޮނގުން ވެސް ބޮޑު މަންފާއެއް ލިބޭނެ އެވެ. ނަމަވެސް މި ގޭމްސް ބާއްވަން ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ، އައިއޯއައިޖީގެ ބިޑު ކާމިޔާބު ވެއްޖެ ނަމަ އެ މުބާރާތް ބާއްވަން ބޭނުންވާ ސްޓޭޑިއަމްތަކާއި އިންފްރާސްޓްރަކްޗާ ގާއިމް ކުރާނީ ކިހިނެއްތޯ ބައެއް ފަރާތްތަކުގެ ހިތްތަކުގައި ސުވާލު އުފައްދަފާނެ ކަމަށެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ސަރުކާރުގެ ވައުދުތައް ފުއްދަމުން ގޮސް 2023 ވަނަ އަހަރާ ހަމައަށް ދެވޭ އިރު، އެފަދަ މުބާރާތެއް ބޭއްވޭނެ ވަރުގެ އިންފްރާސްޓްރަކްޗާ ހުންނާނީ ގާއިމްވެފައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް އައިއޯއައިޖީގައި ކުޅުނު ޓީޓީ މެޗެއް ބައްލަވާލައްވަނީ --- ފޮޓޯ// އެމްއޯސީ

"ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން ބޮޑެތި ހަރަދުތަކެއް ކުރަން ގަސްދެއް ނުކުރަން. އަޅުގަނޑުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވައުދުތައް ފުދިގެންދާ އިރު ގައުމަށް އަންނަ ކުރިއެރުމަކީ މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ މުބާރާތަށް ބޮޑު ހަރަދެއް ދައުލަތުގެ ބަޖެޓުން ނުކުރިޔަސް ކުޅުންތެރިން ތަމްރީނު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވަރަށް ދުރާލައި ރާއްޖޭގައި ބާއްވަން އުންމީދު ކުރާ ގޭމްސްއަށް ދިވެހި ކުޅުންތެރިން ތަމްރީނު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، މިފަހަރުގެ ގޭމްސް ނިމުމުން އެ ތަމްރީނުތަކުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މި ގޭމްސް ބާއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިޔާލުދެއްވީ މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެމަނިކުފާނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އަދި އެ ޖަލްސާގައި އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް ނަގައި، ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބަލައި ދެން ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ކުރުމަށް ރައީސް ގާތުން އެދިވަޑައިގެންފަ އެވެ.

އެކަމަށް ވަގުތުން ވަގުތަށް ތާއީދުކޮށް ރައީސް ވަނީ ތަފާތު ވިސްނުންފުޅެއްގައި ރާއްޖެއަށް ބިޑު ކާމިޔާބު ކުރުމުގެ މަސައްކަތްޕުޅު ފަށައިފަ އެވެ. އެކަމަށް ރައީސް އިސްކުރެއްވި އުކުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްގެ ޑިޕްލޮމެސީ އެވެ.

ބައިނަލް އަގުވާމީ ގުޅުންތައް ބަދަހި ކުރުމުގައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި މި ދެބޭފުޅުން ވަނީ މިފަހަރުގެ އައިއޯއައިޖީ ބިޑު ރާއްޖެއިން ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެ ދެބޭފުޅުން ވަނީ ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި ގޭމްސްގައި ވާދަ ކުރާ ގައުމުތަކަށް ގޮސް ރައީސްގެ ހާއްސަ ސިޓީ ފުޅެއް އެގައުމުތަކުގެ ރައީސުންނަށް ރައްދު ކޮށްދެއްވާ އެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރުަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ފުޅު ދައްކަވާފަ އެވެ.

އެގޮތުން އެ ދެބޭފުޅުންގެ ދަތުރުފުޅުގައި ފުރަތަމައިން ވަޑައިގެން ސީޝެލްސްގެ ރައީސް ވަނީ އެދުވަހުން އެދުވަހަށް ރާއްޖޭން ކުރާ ބިޑަށް ފުރިހަމަ ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގެ ގައުމީ ޓީވީއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވަނީ ރާއްޖޭގައި މި ގޭމްސް ބާއްވަން ދިވެހި ރައްޔިތުން ބޭނުންވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދެއްވަވާފަ އެވެ.

މީގެ އިތުރުން މޮރިޝަސްއާއި މަޑަގަސްކަރގެ އިތުރުން ކޮމޮރޮސްއަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވާ ރާއްޖޭން ކުރާ ބިޑަށް ތާއިދު ކުރެއްވުމަށް ވެސް އެ ދެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ. އެ ދަތުރުފުޅު ނިންމަވާލައްވަމުން ދެ ވަޒީރުން ވެސް ވަނީ ބިޑު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭރު ވިދާޅުވެފަ އެވެ.

ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ ގޭމްސްގައި ރާއްޖޭން މިހާތަނަށް ވަނީ 13 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ރަން މެޑެއްޔާއި އަންހެން ޑަބަލްސް އިން އައިޝަތު ރަފަ ނާޒިމާއި ފާތިމަތު ދީމާ އަލީ ހޯދި ރަން މެޑެއްޔާއި ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޯދި ރަން މެޑަލް ހިމެނެ އެވެ.