27 Jul 2019, 13:08
ސްރީލަންކަން އެއާލައިންސްއިން ރާއްޖެއާއި ޖަޕާންގެ ވެރިރަށް ޓޯކިޔޯ އާ ދެމެދު ވައިގެ ދަތުރުތައް ފަށައިފިއެވެ.
ސްރީލަންކަންއިން ރާއްޖެއާއި ޓޯކިޔޯއާ ދެމެދު ސީދާ ދަތުރުތައް ފަށައިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ސްރީލަންކަންއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ޖަޕާންގެ ނަރީތާ އިންޓަނޭޝަނަލް އެއާޕޯޓުން މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ސްރީލަންކަންއިން ޓޯކިޔޯއާއި ރާއްޖެއާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓް އޮޕަރޭޓުކުރުމަށް ވަނީ ނިންމައިފައެވެ.
ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރުގެ މިހާތަނަށް ވެސް ޖަޕާނުން 22000 އަށް ވުރެ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
އެހެންކަމުން ޖަޕާނާއި ރާއްޖެ އާދެމެދު ސީދާ ދަތުރުތައް ފެށުމުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.