ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފައިން ރިޓަޔާ ކުރައްވައިފިއެވެ.

ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި ރިޓަޔާކުރެއްވީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސިފައިންގެއަށް ޚިދުމަތް ކުރެއްވުމަށް ޝަރަފުވެރިކަމާއެކުގައެވެ. ސިފައިންގެ ރިޓަޔަމެންޓްގެ ގަވާއިދުގައި ބުނާ ގޮތުން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެވެނީ 20 އަހަރު ވަޒީފާ އަދާކުރުމަށްފަހުއެވެ.

ޖެނަރަލް ޒުހައިރު ރިޓަޔާ ކުރުމާ ގުޅޭ ގޮތުން ރަސްމީގޮތުން އެމްއެންޑީއެފުން އަދި އެއްވެސް މައުލޫމާތެއް މިޑިއާއާ ހިއްސާކޮށްފައި ނުވެއެވެ. މިކަމާއި ގުޅޭ ގޮތުން، އެމްއެންޑީއެފްގެ އިސް ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ މިހުންނަށް ވަޒީފާދެއްވުމާއި ވަޒީފާއިން ވަކިވުމަކީ ސިދާ އެމީހެއްގެ އިދަރީ ކަންކަމަށް ގުޅުން ހުރިމެއްކަމަށެވެ. ނަމަވެސް ޖެނަރަލް ޒުހައިރު ރިޓަޔާ ކުރެއްވިކަން އާޒިމް ދޮގު ނުކުރައްވައެވެ.

ޖެނަރަލް ޒުހައިރަކީ ކޯސްޓްގާޑްގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައަރ ކޮމްޕެނީ (ސިވެކް)ގެ ޗެއަރމަންއެވެ.