ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އައްޔަނު ކުރާ ވަކީލަކު އިންތިހާބް ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ޖުމްލަ 1487 ވަކީލަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެ އިންތިހާބްގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 އިން އެވެ. ވޯޓުލުން ބަންދުވާނީ ހަވީރު 5:00 އަށެވެ.

ތިން ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލޭގައި ބަހައްޓާ ދެ ފޮށްޓަށް ވޯޓު ލުމަށް 1478 ވަކީލުން ރަޖިސްޓްރީ ކޮށްފައި ވާއިރު، އައްޑޫގައި ބަހައްޓާ ފޮށްޓަށް ވޯޓު ލާނީ ނުވަ ވަކީލުންނެވެ.

އެ އިންތިހާބުގައި ހަ ވަކީލުން ވާދަކުރެ އެވެ. އެ ވަކީލުންނަކީ:

1. އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ
2. އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ
3. އަހްމަދު ނަޝީދު ހުސައިން، ދަފްތަރު ނަންބަރު ރސ 1890
4. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ.މާވަށް
5. މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
6. އަބްދުލްހަންނާން އަހްމަދު، ގ.އަސްމަހި، މާލެ

ޖޭއެސްސީގައި ކުރިން ވަކީލުން ތަމްސީލު ކުރައްވަމުން ދިޔައީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބުގެ ވަކީލުކަމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

ނަމަވެސް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފަ އެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.