31 Oct 2011, 23:26
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާންކުރައްވާ ފައިވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން މިރޭ 56 ގައިދީއަކު މިނިވަންކޮށްފި އެވެ.
ދެ ވަނަ ފުރުސަތުގެ ދަށުން ގައިދީން މިނިވަން ކުރުމަށް މިރޭ އިމާދުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑީޕީއާރުއެސް ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ މިރޭ 129 ގައިދީއަކު މިނިވަންކޮށް އާއިލާތަކާ ހަވާލުކުރުމަށް ކުރިން ނިންމި ކަމަށާއި އެހެންނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ މިރޭ މިނިވަންކޮށް އާއިލާތަކާ ހަވާލުކުރެވިފައި ވަނީ 56 ގައިދީން ކަމަށެވެ.
"އަޅުގަނޑުމެން މިރޭ އަސްލުގައި އުންމީދުކުރިން 129 ހަކަށް ކުދިން އަޅުގަނޑުމެނަށް މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ޓަކައި އަޅުގަނޑުމެންގެ މި ގައުމީ ޕްރޮގުރާމްގައި ބައިވެރިކުރެވޭނެކަމަށް. އެހެންނަމަވެސް ދިމާވި އެކިއެކި ސަބަބުތަކާ ހުރެ 56 ކުދިންނަށް ވުރެ ގިނައިން މިރޭ މި ޕޮރުގުރާމްގައި އަޅުގަނޑުމެންނަށް ބައިވެރި ނުކުރެވުނީ،" ފަސް ވަނަ ބުރަށް މިރޭ ގައިދީން ވީއްލުމަށް ބޭއްވި ރަސްމިއްޔާތުގައި ނައީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިރޭ ގައިދީން މިނިވަންކޮށް އާއިލާތަކާ ހަވާލުކުރި ނަމަވެސް ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރޭގަނޑު 10 އާއި ފަތިހު 5 އަކާ ދޭތެރޭގައި ބޭރަށް ނުކުތުމަކީ ގައިދީން ދޫކުރުމުގައި ވެފައިވާ އެއްބަސްވުމާ ހިލާފުކަމެއް ކަމަށެވެ.
"އެންމެ ފުރަތަމައިނުން ވެސް އަޅުގަނޑު ދަންނަވާނީ ފުރަތަމަ ތިން މަސް ދުވަހު ރޭގަނޑު 10 އާއި ހެނދުނު ފަހަކާ ދޭތެރޭގައި ގޭގައި ތިބުމަށް. ކިތަންމެ މުހިންމު ކަމެއް އޮތަސް މައިންބަފައިންނާ އެއްކޮށް ވެސް ބޭރަށް ނުނިކުންނަން އަޅުގަނޑުމެން ނަސޭހަތްތެރިވަން. ބޭރަށް ނުކުމެ އުޅެނިކޮށް ދިމާވާ އެއްވެސް ކަމަކަށް އަޅުގަނޑުމެން ދެވަނަ ފުރުސަތުގެ އޮފީހަކުން ޒިންމާ ވެވެން ނޯންނާނެ،"
ދެވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 274 ގައިދީއަކު މިނިވަންކޮށް އާއިލާތަކާ ހަވާލުކުރެވިފައިވާނޭ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: