26 Jul 2019, 21:29
ރިޔާޟް (ޖުލައި 25) : ޔަމަންގެ ހޫޘީންނާ ހިނގި ކުރިމަތިލުންތަކެއްގައި ސައޫދީ ސިފައިންގެ 8 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލި ކަމަށް ޔަމަންގެ ހޫޘީން ބުނެފިއެވެ.
ހޫޘީންގެ ޓީވީ "އަލްމުސައިރާ" ބުނާގޮތުން މި ކުރިމަތިލުންތައް ހިނގީ ޔަމަނާއި ސައޫދީ ސަރަހައްދީ ރޮނގުގެ ކައިރީގައި ސައޫދީ ފަޅީގައި ހިނގި ހަނގުރާމައެއްގައެވެ. މި ހަނގުރާމައިގާ ދެފަރާތުންވެސް އެތަށް ގަޑީއިރެއްވަންދެން ހަމަލާތައް ބަދަލުކުރި ކަމަށާ އެ ހަނގުރާމައިގާ ޔަމަންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔަމަނަށް ވަންނަން އުޅުނު ސައޫދީ ލަޝްކަރެއް ހުއްޓުވުނު ކަމަށް "އަލްމުސައިރާ" ޓީވީ ޚަބަރު ދެއެވެ.
ސައޫދީ ރަސްމީ މީޑީއާއިންވެސްވަނީ ސައޫދީ ދެކުނުގެ ސަރަހައްދުތަކުގައި ހޫޘީންނާއި ސައޫދީ ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގި ކަމާއި އެހަނގުރާމައިގާ ސައޫދީ ސިފައިންގެ 8 މީހުން މަރުވި ކަމަށް އެއްބަސްވެފައެވެ. ސައޫދީ ސިފައިންނާ ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނެފައިވަނީ އެ ހަނގުރާމަ ހިނގާފައިވަނީ ޔަމަންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ނަޖްރާން، ޖަޒާން އަދި އަސީރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ކަމަށާ އެ ހަނގުރާމައިގާ އަޕާޗޭ ހެލިކޮޕްޓަރާއި އެނޫންވެސް ބަރުހަތިޔާރު ބޭނުންކޮށް ހޫޘީންނަށް ވަރުގަދަ ރައްދެއް ދެވުނު ކަމުގައެވެ.
އެ ކުރިމަތިލުންތަކުގެ ކުރިން ސައޫދީ އާއި ޔޫއޭއީ ގުޅިގެން ނެރުނު ބަޔާނެއްގައި ސައޫދީ ރަށެއްކަމަށްވާ ކަމީސް މަޝީތް އަށް ހަމަލާދޭން އުޅުނު ހޫޘީންގެ ޑްރޯނެއް ވައްޓާލިކަމަށްވެސް ބުނެފައިވެއެވެ.
ހޫޘީންގެ ތަރްޖަމާން މުހައްމަދު އަބްދުއްސަލާމް ވަނީ ސައޫދީ ދެކުނުގެ ސަރަހައްދުތަކުގައި ހިނގި ހަނގުރާމައިގާ ސައޫދީ ބިމުގެ ހަތްސަރަހައްދެއް ހޫޘީންގެ ބާރުގެ ދަށަށް ގެނައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސައޫދީން އެކަން ދޮގުކުރެއެވެ. ސައޫދީ މީޑިއާ ބުނާގޮތުން ހޫޘީ ބާރުތައްވަނީ ސައޫދީ ސަރަހައްދީ ރޮނގުން ބޭރުކޮށްލާފައެވެ. (އަލްޖަޒީރާ)