26 Jul 2019, 18:32
ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން މިއަދު ބުނީ އެ ކުންފުނީގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައެއް ވަނީ މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ.
އެގޮތުން ތިރީގައި މިވާ ސަޕޯޓް ޚިދުމަތް ކުރިއެކޭ އެއްގޮތަށް މިހާރު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެއެވެ.
ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް.
- މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން.
- ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް.
- މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
- ދިރާގު ކަސްޓަމަރ ސާވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން.
ދިރާގުން ބުނީ އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
"އަޅުގަނޑުމެން އެންމެ އިސް ކަމެއް ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިޔުމަށް،" ދިރާގުން ބުންޏެވެ.
މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުން ކަމަށް ވެސް ދިރާގުން ބުންޏެވެ.
"މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި ކެތްތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ދިރާގުން ބުންޏެވެ.