26 Jul 2019, 17:20
ތަފާތު އެކި ސިފަ ސިފައިގަ ރާއްޖޭގެ މިނިވަންކަމުގެ ދޮރުގައި ޓަކި ޖަހަމުންދާއިރު އަމިއްލަ އެދުމާއި ސިޔާސީ މަންފާ ހޯދުމަށް މިނިވަންކަމުގެ އިންތައް ހުރަސް ނުކުރުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސްބަތުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ ނުފޫޒުތަކުން ރާއްޖެއަށް ކުރިމަތިކުރަމުން އަންނަ ބިޔަ ރާޅުތަކުން މި ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް އިގްތިސާދީ އަޅުވެރިކަމުން އަމިއްލަ ފައިމައްޗަށް ދެދުވުމަށް މަސައްކަތް ކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ބަޔާނުގައި ބުނީ، ސިޔާސީ މަންފާ ހޯދުމަށް ގައުމުގެ މިނިވަންކަމުގެ އިންތައް ހުރަސްކުރަން ފަށައިފި ނަމަ ނޭންގި ހުއްޓާ މިނިވަންކަން ގެއްލިދާނެ ކަމަށާއި މިނިވަންކަން ގެއްލިގެންދާފަދަ އިހްސާސްތަކެއް ކުރަންޖެހުމަކީ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ.
"ތަފާތު އެކި ސިފަސިފައިގައި ރާއްޖޭގެ މިނިވަންކަމުގެ ދޮރާށިތަކުގައި ޓަކިޖަހަމުންދާއިރު އަމިއްލަ އެދުމާއި ސިޔާސީ މަންފާ ލިބިގަތުމަށްޓަކައި މިނިވަންކަމުގެ އިންތަކާއި މިންތައް ހުރަސް ނުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ގައުމު ހިންގަންވާ ގޮތް އިނގޭނީ ދިވެހިންނަށް ކަން ފާހަގަކޮށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިންގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ހާލެއްގައި ބޭރުގެ ނުފޫޒު ގަދަ ގައުމުތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭން މަސައްކަތްކުރަންވާނީ ދިވަހިރާއްޖޭގެ މިނިވަންކަމަށް ކުޑަނަމަވެސް ބުރުލެއް ނާރާފަދައަކުން. ނޫންނަމަ އެއީ މި ލޮބުވެތި ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހުރިހާ ދިވެހިންގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކޮށް މިނިވަންކަމާއި އެކު ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭރުގެ ނުފޫޒުތަކުން ކުރިމަތިކުރާ އެކިކަހަލަ ޕްރެޝަރުތަކަށް ދީލާ ނުލުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.