31 Oct 2011, 18:21
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މި އަހަރުގެ ތިން ވަނަ ކުއާޓާގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރީޓީގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ މި އަހަރުގެ މިހާތަނަށް 3.4 ބިލިއަން ރުފިޔާ ލިބުނު އިރު ތިން ވަނަ ކުއާޓާގައި 1.2 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ 60.5 މިލިއަން ޑޮލަރަށްވުރެ ގިނަ އެވެ.
މިއަހަރުގެ ތިން ވަނަ ކްއާޓަރުގައި ލިބުނު 1.2 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ލިބުނު އާމްދަނީ އަށް ވުރެ 92 ޕަސެންޓް އިތުރު އަދަދެކެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ 31.7 ޕަސެންޓު ހިއްސާ ކުރަނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އެއްޗަކުން ކަމައްވާ އިރު 19.3 ޕަސެންޓު ހިއްސާކުރަނީ ޓީޖީއެސްޓީގެ އާމްދަނީން ނެވެ.
މީރާއިން ބުނީ މިއަހަރުގެ މިހާތަނަށް އައިރު ވެސް ދައުލަތަށް ލިބެން ޖެހޭ ގިނަ ފައިސާތަކެއް ނުލިބި ވަނީ ޓޫރިސްޓު ރިސޯޓުތަކުގެ ކުލީގެ ގޮތުގަ އާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެކި ރަށްރަށުގެ ކުލީގެ ގޮތުގައި ކަމަށެވެ.
އެ ފައިސާ ހޯދުމަށް މީރާ އިން ވަނީ ޓޫރިސްޓް ރިސޯޓުގެ ބިމު ކުލި ނުދައްކާ ނުވަ ފަރާތެއްގެ މައްސަލަ ކޯޓަށް ވައްދާފަ އެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަސް ރަށަކުން ފައިސާނުލިބިގެން އެ މައްސަލަތައްވެސް ވަނީ ކޯޓުގަ އެވެ.