26 Jul 2019, 18:19
ވޮޝިންޓަން (ޖުލައި 26): އެމެރިކާ މައި ސަރުކާރުން މަރުގެ އަދަބު ނުދޭތާ 16 އަހަރު ފަހުން ފަސް މީހަކަށް މަރުގެ އަދަބު ދޭން ނިންމާފައިވާ ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވެއްޖެ އެވެ.
ބާ ވިދާޅުވި ގޮތުގައި އޭނާ ވަނީ ފަސް ގައިދީއަކަށް މަރުގެ އަދަބު ދޭން ތައްޔާރު ކުރަން ބިއުރޯ އޮފް ޕްރިޒަންސްއަށް އަންގާފަ އެވެ. އަދި އެމީހުންނަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަރާ، ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުން ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހާ ދޭތެރޭ އެމީހުންނަށް މަރުގެ އަދަބު ދިނުމަށެވެ.
"ޖަސްޓިސް ޑިޕާޓްމެންޓުން ގާނޫނުގެ ހުކުމް ދަމަހައްޓާނެ އަދި އަޅުގަނޑުމެންގެ ޖަސްޓިސް ސިސްޓަމުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަކީ އަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށްޓަކައި ކުރަން ޖެހޭ ކަމެއް،" ބާ ވިދާޅުވި އެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރުން 2003ގެ ފަހުން މަރުގެ އަދަބު ދީފައި ނުވި ނަމަވެސް އެގައުމުގެ ބައެއް ސްޓޭޓުތަކުގައި އެހުކުމް ތަންފީޒުކޮށްފައިވެ އެވެ. އެގޮތުން 1967ގެ ފަހުން އެންމެ ގިނައިން އެހުކުމް ތަންފީޒު ކުރީ ޓެކްސަސްގަ އެވެ. އެސްޓޭޓުން މިހާތަނަށް 561 މީހަކަށް މަރުގެ އަދަބު ދީފައިވެ އެވެ.
އެމެރިކާގެ ފެޑެރަލް ކޯޓުތަކުން މަރަން ހުކުމްކޮށްފައިވާ 62 ގައިދީން މިހާރު ޖަލުތަކުގައި ތިބި ކަމަށް އެގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނެ އެވެ.