26 Jul 2019, 15:26
ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފެއް އެ ތަނުން ހުޅުވާލި ބިޑަކަށް ކުރިމަތިލައި އެއަށް ނުފޫޒު ފޯރުވި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މަޖިލިސް މުވައްޒަފު ބިޑް ހުށަހަޅާފައިވަނީ، ވޭނެއް ގަތުމަށް އިއުލާނު ކުރުމުން އެވޭން މަޖިލީހަށް ސަޕްލައިކޮށް ދިނުމުގެ މަސައްކަތް ކޮށްދޭށެވެ. އޭޕްރީލް 11 ވަނަ ދުވަހު ކުރި އެ އިއުލާނުގައި ބުނެފައިވަނީ ޓޮޔާޓޯ-އެސްޓިމާ ނުވަތަ ޓޮޔާޓޯ-ޕްރެވިއާގެ ގެ 6-7 މީހުންގެ ޖާގައިގެ ކަޅު ކުލައިގެ ވެހިކަލެއް ގަންނަށް ބޭނުންވާ ކަމަށެވެ.
ވެހިކަލް ގަތުމަށް ބިޑް ހުށަހެޅޭނީ އެ އިދާރާއިން ކަނޑައެޅި ދުވަހުގައި މައުލޫމާތު ސާފުކުރުމަށް އައި، ފަރާތްތަކަށް އެކަނި ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެކަމާއި ގުޅިގެން މަޖިލިސްގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، އެފަދަ މައްސަލައެއް އޭނާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
"މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މަޖިލީހުގެ އޮތް ބިޑަކަށް ކުރިމަތިލައިގެން މަޖިލީހުގެ އިދާރާގައި އޮންނަ ބިޑް ކޮމެޓީއަށް ފާހަގަވެގެން އަޅުގަނޑުގެ ސަމާލުކަމަށް ގެނައިސްފައި އޮތީ،" ނިއުޝާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުން އެ މައްސަލަ ވަނީ އެންޓްކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މިހާރު ހުށަހަޅާފަ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ ކުށެއް ކަމަށެވެ.
އެކުށް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރު ދުވަހުގެ މައްދަތަކަށް ޖަލަށް ނުވަތަ ގޭގައި ބަންދު ކުރުމެވެ.