ސީރިއާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތައް މުޅި ދުނިޔެއަށް ދައްކުވައިދިން ފޮޓޯއެއްގައި ފެނިގެންދާ ފަސް އަހަރުގެ ރިހަމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

އެއީ މިދިޔަ ބުދަ ދުވަހު ސީރިއާގެ އިދުލިބަށް އެގައުމުގެ ސަރުކާރުން ދިން ވައިގެ ހަމަލާތަކަށް ފަހު ވެއްޓިފައިވާ އިމާރާތެއް ކައިރިން ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯ ނެގި ނޫސްވެރިޔާ ބައްޝާރުލް ޝޭހު ބުނި ގޮތުގައި އެސަރަހައްދަށް ދިޔަ އިރު ދެކުދިންގެ ބައްޕަ އަމްޖަދުލް އަބްދުﷲ އުޅުނީ ދެކުދިން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެފޮޓޯއިން ފެންނަނީ ރިހަމް، އެކުއްޖާގެ ހަތް މަހުގެ ކޮއްކޮ އިމާރާތުން ވެއްޓިދާނެތީ އެކުއްޖާގެ ހެދުމުގައި ހިފަހައްޓައިގެން އޮންނަ މަންޒަރެވެ. އެދެކުދިންގެ ވަށައިގެން އޮތީ ވެއްޓިފައިވާ އިމާރާތެއްގެ ކުނިބުންޏެވެ. އަދި ފޮޓޯގެ ވާތް ފަރާތުން ދެކުދިންގެ ބައްޕަ ރޮއެ، އެކުދިންނާ ހަމަޔަށް ދެވޭތޯ މަސައްކަތް ކުރާތަން ފެނެ އެވެ.

"އަހަރެން އެތަނަށް ދިޔަ އިރު އެކުދިންގެ ބައްޕަ އުޅެނީ ކުދިން ސަލާމަތް ކުރެވޭތޯ. އެކުދިން ތިބީ އިމާރާތުގައި ތާށިވެފައި، އަދި ކުދިން ދިޔައީ ލިބުނު އަނިޔާގެ ސަބަބުން ރޮމުން،" ޝޭހު ބުންޏެވެ.

ފަސް އަހަރުގެ ރިހަމް، ހަތް މަހުގެ ކޮއްކޮ ނުވެއްޓޭ ގޮތަށް ކޮއްކޮގެ ހެދުމުގައި ހިފަހައްޓައިގެން އޮންނަ މަންޒަރު ފޮޓޯއިން ފެނޭ -- ފޮޓޯ: އެސްވައި24

އެއާއިލާގެ އަވަށްޓެރިންނާއި އެހީ ފޯރުކޮށްދޭ ފަރާތްތަކުން ރިހަމް އާއި ހަތް މަހުގެ ތުގާ ސަލާމަތް ކުރަން އުޅެނިކޮށް އެއިމާރާތުގެ ބައިތައް އަނެއްކާވެސް ވެއްޓެން ފެށި އެވެ. އަދި ދެ ކުދިން އިމާރާތުން ސަލާމަތް ކުރެވުމުން، ކްލިނިކަކަށް ގެންދިޔުމަށް ފަހު އިދުލިބު ހޮސްޕިޓަލަށްވެސް ގެންދިޔަ އެވެ.

ނަމަވެސް ރިހަމްއަށް ފަރުވާ ދެމުންދަނިކޮށް އެކުއްޖާ މަރުވީ އެވެ. އަދި ތުގާ އައިސީޔޫގައި އޮތް އިރު އެއާއިލާގެ އިތުރު ދެ ކުދިންނަށްވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެހަމަލާގައި އެކުދިންގެ މަންމަ ވަނީ މަރުވެފަ އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި ބުދަ ދުވަހު އިދުލިބަށާއި ހަލަބަށާއި ހާމާ ޕްރޮވިންސަށް ދިން ހަމަލާތަކުގައި 20 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނުނެވެ.

މިދިޔަ އޭޕްރިލް މަހު ސީރިއާ ސަރުކާރުން ވަނީ އިދުލިބުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތައް އަތުލުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފަ އެވެ. އދ.އިން ބުނާ ގޮތުގައި އެހަމަލާތަކުގައި ފާއިތުވި ހަތަރު މަސް ތެރޭ 400އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސީރިއާގެ އަށް އަހަރުވީ ހަނގުރާމައިގައި މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނެ އެވެ.