ގައުމަށް ތަރައްގީ ގެންނަން ކިތަންމެ ބޭނުން ވިޔަސް ބޭރު ބަޔަކަށް ދިވެހި ބިމުގެ ކުޑަ ބައެއްގެވެސް މިލްކުވެރިކަން ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ މަގުސަދަކަށް ވާންވާނީ، ތަރައްގީގެ ހުރިހާ މައިދާންތަކެއްގައި ކުރިއެރުންތައް ހޯދައި، އިގްތިސާދީ ފުދުންތެރިކަމާއި މިނިވަންކަން ހާސިލުކުރުން ކަމަށެވެ. އަދި ތަރައްގީއަށްޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ ކަމަށް ވިދާޅުވި އެވެ. އެކަމަކު ތަަރައްގީ ކިތަންމެ ބޭނުން ވިޔަސް ގައުމުގެ ފަސްގަނޑުން ކުޑަ ބައެއްވެސް ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށް ރައީސް މިއަދު ވައުދުވެ ވަޑައިގެންނެވި އެވެ.

"ރާއްޖެ ތަރައްގީ ކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ، މި ޖަޒީރާތަކުގެ ގަދަރާއި ކަރާމާތް، އަޅުގަނޑުމެންގެ ކުރިމަތީގައި މާ މަތިވެރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު މިނިވަންކަން ގެއްލިދާނެތީ ސަމާލުވާން ޖެހެނީ ކަނޑިއާއި ބަޑިއަށްނޫން ކަމަށެވެ. އޭގެ ބަދަލުގައި ހައްދުފަނައަޅާ ދިޔުމުގެ ނުރައްކާ މާ ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑުމެން ހޭލައި ތިބެންޖެހޭ ކަންކަން އޭގެ ޒާތުން ބަދަލުވެއްޖެ. ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަތައް، ފިކުރީ އޮއިވަރަށް ފުރޮޅިއްޖެ. ތަފާތު ހަރުކަށި ވިސްނުންތަކާއި، ހައްދުފަހަނަޅައިދިޔުމުގެ ކަޅު ވިލާތައް ބޯމަތިވެއްޖެ. މިއަދުގެ ކަންބޮޑުވުންތައް ތަފާތު،" ރައީސް ވިދާޅުވި އެވެ.

ހައްދުފަހަނައަޅައިދިޔުމަކީ އަނެކާގެ ވިސްނުމާއި ފިކުރަށް އިހްތިރާމް ނުކުރުމާއި ތަހްއްމަލްކުރުން ނެތިގޮސް، ކެތްތެރިކަން ކޮޅުންލުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ތިމާގެ ގޮތް ނޫން ގޮތަކީ، ނެތް ގޮތެއް ކަމަށް ގަބޫލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"ނަމަވެސް، ހައްދުފަހަނަޅައި ދިޔުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ، ބައިނަލްއަގުވާމީ ގުޅުންތަކުން ބަނދެވިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިނިވަން ދުވަސް ބައްދަލުކުރާއިރު، އިއްޔެ މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި، މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާމެދު ވިސްނައިލުމަކީ، މުހިންމު ކަމެއް ކަމަށެވެ. އަދި މި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުފަހުން، އެ މިނިވަންކަން މުޅިން ގެއްލިގެންދިޔަ ދުވަހެއް ރާއްޖެ ދެކެފައެއްނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި، ދިވެހީންގެ ފަރުދީ އަދި ޒާތީ މިނިވަންކަން، އޭގެ ފުރިހަމަގޮތުގައި ހިމާޔަތް ކުރެވި ރައްކާތެރި ކުރެވިފައިވޭތޯ، އެއީ ހިތުގައި އުފެދޭނެ ސުވާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި، އެ ހައްގުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަހްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މި ގައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިނިވަންކަމަކީ އިންސާނީ ހައްގުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ހައްގު ކަމަށެވެ. އަދި ގައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ، އެ ގައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިހްސާސްކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"ފުރިހަމަ މިނިވަންކަމެއް އިހްސާސް ކުރެވޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ އަގީދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ހާސިލުކުރަން އެދޭ ކޮންމެ ކަމެއް ހަގީގަތަކަށް ހެދޭނެ ކަމުގެ ޔަގީންކަން ލިބިގެންވާ މާހައުލެއްއް، މިރާއްޖޭގައި އުފެދިގެން. އެފަދަ މާހައުލެއް އުފެއްދުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް. ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިނިވަންކަމުގެ މުޅިން އާ އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އުފާވެރިކަމާއެކު ދިރިއުޅޭ، ގެދޮރުވެރި، ފުދުންތެރި އަދި ފަހުރުވެރި އާއިލާތަކެއް ބިނާކޮށް މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުން ކަމަށެވެ.

"ފަރުދީ މިނިވަންކަން އިހްސާސް ކުރެވޭނީ، އެ މަގުސަދު ހާސިލުވެގެން. ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިގްތިސާދުގެ ނަފާ، ހުރަހެއްނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެން. ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރެވި، އަދުލު އިންސާފު ގާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަގީންކަން ހޯދައިދެވިގެން." ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ، ގައުމުގެ މަސްލަހަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމުއިއްޔާ ޖަމާއތްތަކުގެވެސް، ހަގީގީ މަގުސަދަކަށްވެސް ވާންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ އަޑު އުފުލައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ހައްގުތަކަށް ހުރަސްއެޅޭގޮތަށް ހުރި ގާނޫނުތަކާއި އުސޫލުތައް އުވާލައި، އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ހާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ، ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް. އަދުލުވެރިކަމާއި ހަމަޔާއި އިންސާފު ގާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް، ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިއީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ރާއްޖެ އިސްލާހުކޮށް ތަރައްގީ ކުރާނީ، އަޅުގަނޑުމެން އެންމެން." ހިތާބު ނިންމަވާލައްވަމުން ރައީސް އިލްތިމާސްކުރެއްވި އެވެ.