ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ވެރިކަމުގެ ނިޒާމަށް އެންމެ ބޮޑެތި ބަދަލުތައް އައީ ވިހިވަނަ ގަރުނުގައެވެ. ދުސްތޫރީ ހުކޫމަތެއް ގާއިމުވުމާއި، ޒަމާނުއްސުރެ ހިނގަމުން އައި ވިރާސީ ރަސްކަން އިންތިހާބީ ރަސްކަމަކަށް ބަދަލުވުމާއި، ޖުމްހޫރީ ވެރިކަމެއް ތައާރަފުވުމާއި، އަލުން އެނބުރި ރަސްކަމަށް ރުޖޫއަވުމާއި، އިނގިރޭސީންގެ "ހިމާޔަތުގެ" އަޅުވެތިކަމުގެ ދަށުން މިނިވަންވުމާއި، ފުރިހަމަ މާނައިގައި ޖުމްހޫރިއްޔަތަކަށް ބަދަލުވުން ފަދަ އެތައް ކަމެއް ވިހިވަނަ ގަރުނުގައި ދިވެހީން ވަނީ ދެކެފައެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށުން ވަކިވެ ދެކުނުގެ އަތޮޅުތަކުން ވަކި ދައުލަތެއް އިއުލާން ކުރުން ފަދަ އެތައް މައްސަލައެއް ހަމަޖައްސާން ޖެހުނީ ވެސް ހަމަ މި ގަރުނުގައެވެ. މިފަދަ ބޮޑު ހަލަބޮލި ކަމުގެ ތެރޭގައި ސިޔާސީ އުދަރެހުން އެތައް އާ ސަހުސިއްޔަތުންތަކެއް ފާޅުވި އެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ވާހަކަ މަދު ސަހުސިއްޔަތެއް

ރައީސް ނާސިރު ރާއްޖެ ވަޑައިގެން އިނގިރޭސި ބައެއް ވެރިންނާ އެކު -- ފޮޓޯ/ ދިވެހި ޑައިޖެސްޓް

އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯދުނީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ހަރުދަނާ އަދި ގޮތް ދޫ ނުކުރެއްވުމުގެ ސިޔާސަތުގެ ސަބަބުން ކަމަށް، މިނިވަންކަން ހޯދުމުގެ ކަންކަމުގައި ދިވެހިރާއްޖޭގެ ފަރާތުން އިނގިރޭސި ދައުލަތާ މަޝްވަރާ ކުރެއްވުމުގައި ސިލޯނުގައި ހުންނަވައިގެން އެންމެ އިސް ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކު ކަމުގައި ވާ ޢަބްދުއްސައްތާރު މޫސާދީދީ ވިދާޅުވި އެވެ.

ނާޞިރަކީ ދާށޭ ވިދާޅުވުމުގެ ބަދަލުގައި އަންނާށޭ ވިދާޅުވަމުން ކުރީގައި ހުންނަވައިގެން ވަޑައިގެންނެވި ޒައީމެކެވެ. ނާޞިރަކީ ވަރަށް ވެސް ބަސް މަދު ބޭފުޅެކެވެ. އަރިހުގައި މީހުން ދަންނަވާ ވާހަކަތައް ވަރަށް ސަމާލުކަމާއެކު އަޑު އައްސަވައެވެ. މިފަދަ ވާހަކައެއް އަޑު އެއްސެވުމަށް ފަހު އެ ވާހަކައެއް އިތުރަށް ސާފު ކުރެއްވުމުގެ ގޮތުން ވެސް ނާޞިރު މާގިނަ ވާހަކަފުޅުތަކެއް ދައްކަވައެއް ނަހައްދަވައެވެ. މި ގޮތުން ބަސްފުޅެއް ވިދާޅުވިޔަސް، އެ ބަސްފުޅެއް ވެސް ވަރަށް ކުރުވާނެއެވެ. އާންމުކޮށް ހުންނާނީ ސުވާލުގެ ލަފްޒުތަކުންނެވެ.

ރައީސް ނާޞިރަކީ ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެއިން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތު ކަމުގައި ދަންނަވާން ޖެހެނީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތް އިރު ވެސް ރާއްޖޭގެ އަމިއްލަ އިސްތިގުލާލާއި ސިޔާދަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއްގައި އިނގިރޭސީންނަށް ދޫ ނުދެއްވައި، ހޯއްދެވި ފުރިހަމަ ކާމިޔާބީއާ ހެދިއެވެ.

އިނގިރޭސިންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް

އައްޑޫ މައްސަލަ އާއި މިނިވަންކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި ގެންގުޅުއްވި ހަރުދަނާކަން ފާހަގަ ކުރެވެއެވެ. އައްޑޫ މައްސަލަ ފެށުނީ، 1956 ވަނަ އަހަރު ޑިސެންބަރު 15 ގައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ސިލޯނުގައި ހުންނަވައިގެން ސޮއިކުރެއްވި އެގްރީމަންޓާ ހިސާބުންނެވެ. މި އެގްރީމަންޓުން އައްޑު އަތޮޅު ގަމާއި ހިތަދޫން ސަތޭކަ ދިހަ އޭކަރުގެ ބިން، އަހަރަކަށް ދެ ހާސް ޕައުންޑުގެ ކުއްޔަކަށް 100 އަހަރު ދުވަހުގެ މުއްދަތަށް އިނގިރޭސީންނަށް ވަނީ ދެއްވައިފައެވެ. ކިލެގެފާނު މި އެގްރީމަންޓުގައި ސޮއި ކުރެއްވީ ކެބިނެޓާ މަޝްވަރާ ނުކުރައްވައެވެ. ސިލޯނުގައި ކުރެއްވީ އިނީޝިޔަލް ސޮޔެއް ކަމުން ހަގީގީ އެގްރީމަންޓުގައި ސޮއި ކުރާ ގޮތަށް އޮތީ މާލޭގައެވެ.

ބޮޑުވަޒީރު ކިލެގެފާނު މާލެއަށް ވަޑައިގެން މުލީއާގެއަށް ވަޒީރުންގެ މަޖިލީސް އެއް ކުރައްވައި ސިލޯނުގައި ސޮއި ކުރެއްވި އެގްރީމަންޓް ހުށަހެޅުއްވިއެވެ. ދެން ހަގީގީ އެގްރީމަންޓުގެ ފަހު ކޮޕީ (ފައިނަލް ޑްރާފްޓް) ވެސް ހުށަހެޅުއްވިއެވެ. އޭގެ އަނެއް ދުވަހަކީ ހަގީގީ އެގްރީމަންޓުގައި ސޮއި ކުރާން ހަމަޖެހިފައި އޮތް ދުވަހެވެ. ބޮޑު ވަޒީރު، މި އެގްރީމަންޓް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމާއެކު ވަޒީރުންގެ މަޖިލީހަށް ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލީ ކެބިނެޓުގެ އެންމެ ޒުވާން މެންބަރު އިބްރާހީމް ނާޞިރެވެ. މި އިން އެއްވެސް އެގްރީމަންޓެއް ގަބޫލުކޮށްގެން ނުވާނެކަމުގެ މައްޗަށް ނާޞިރު ވާހަކަފުޅު ދެއްކެވިއެވެ. ވަޒީރުލް އައުޤާފު ޝައިޚް އިބްރާހީމް ރުޝްދީ، ނާޞިރަށް ތާއީދު ކުރެއްވިއެވެ. އެހެން ނަމަވެސް އެހެން ވަޒީރުންގެ ތާއީދާއެކު ސިލޯނުގައި ސޮއި ކުރެއްވި އެގްރީމަންޓު ފާސްވިއެވެ. އެހެން ނަމަވެސް ހަގީގީ އެގްރީމަންޓުގެ ފައިނަލް ކޮޕީ ފާހެއް ނުވިއެވެ.

މި ހިސާބުން އެގްރީމަންޓުގެ ފައިނަލް ކޮޕީގައި ސޮއިކުރެވޭނެ ގޮތެއް ވޭތޯ އިނގިރޭސީން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިކަމަށް ޓަކައި އިނގިރޭސި ހައިކޮމިޝަނަރުގެ ސިޓީ ހިފައިގެން ވެލާނާގެއަށް އައި މީހާއާ، އެތައް އިރެއް ވީއިރު ވެސް ނާޞިރު ބައްދަލެއް ނުކުރެއްވިއެވެ. އެންމެ ފަހުން ސެކްރެޓަރީ މެދުވެރިކޮށް އޭނާއަށް އެންގެވީ "ހައިކޮމިޝަނަރު މޯލީއަށް ދަންނަވާށޭ ރަސްމީ ސިޓީ ފޮނުއްވާނީ ފޮރިން މިނިސްޓަރުގެ ގެއަކަށް ނޫނޭ. މާދަމާ ސަރުކާރު ހުޅުވުމުން ފޮރިން މިނިސްޓްރީއަށް ފޮނުވާށޭ" މިހެންނެވެ. ދެން އެ އިނގިރޭސި އޮފިސަރަށް ޖެހުނީ ދާށެވެ. އެއަށްފަހު، 1958 ވަނަ އަހަރުގެ މާރިޗު 10 ގައި މަޖިލީހުގެ އިއްތިފާގުން ފައިނަލް ޑްރާފްޓުގައި ސޮއިކުރާން ނުފެންނަ ކަމަށް ނިންމެވިއެވެ.

އިނގިރޭސި ވެރީންގެ ހާޒިރުގައި އެމީހުންނާ ދެކޮޅަށް މިފަދަ ނިންމުމެއް ނިންމުމުގެ ހިތްވަރު އެހެން ބޭފުޅުންނަށް ލިބިވަޑައިގަތީ ނާޞިރުގެ ޝަހުސިއްޔަތުގެ ވަރުގަދަކަމުގެ ސަބަބުންނެވެ. އެންމެ ފަހުން އިނގިރޭސީންނަށް ޖެހުނީ ގޮތްދޫކޮށް އެހެން އެގްރީމަންޓެއްގައި ސޮއި ކުރާށެވެ. މިއީ މަޝްހޫރު އޯލްޕޯޓް އެގްރީމަންޓެވެ. ސޮއިކުރީ 14 ފެބުރުވަރީ 1960 ގައެވެ. އަދި އަށް ލައްކަ ފަންސާސް ހާސް ޕައުންޑުގެ ހިލޭ އެހީ ވެސް ދިވެހިރާއްޖެއަށް ދޭން ވެސް އިނގިރޭސީން ނިންމިއެވެ. މީގެ ތެރެއިން އެއް ލައްކަ ޕައުންޑު ނަގުދު ފައިސާގެ ގޮތުގައި އަދި ހަތް ލައްކަ ފަންސާސް ހާސް ޕައުންޑުން ދިވެހީންގެ މަސްވެރިކަމަށާއި ކޮމިއުނިކޭޝަނަށާއި ސިއްހަތަށް އެހީވުމަށް ހަމަޖެހުނެވެ.

ކަނދުރާއަކަށް ބެއްލެވުމެއް ނެތް

މިނިވަންކަމުގެ އެގްރިމަންޓްގައި ސޮއިކުރަން ޖުލައި 26، 1965ގައި ސިލޯންގައި ހުންނަވާ އިނގިރޭސި ސަފީރުގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތަށް ފަހު: އެ ރަސްމިއްޔާތު އޮތީ، މާލޭ ގަނޑިން އެ ދުވަހު ހެނދުނު 10:00 ގައި. -- ފޮޓޯ/ ދިވެހި ޑައިޖެސްޓް

އިނގިރޭސީން ބޭނުން ގޮތަކަށް ކަންތައްތައް ނުވުމުން ދެކުނުގެ ތިން އަތޮޅު، ދިވެހިރާއްޖެއިން ވަކިކޮށް ވަކި މިނިވަން ދައުލަތެއް އުފެއްދުމުގެ ކަންތައް އިނގިރޭސީން އަޑީގައި ތިބެގެން ހިންގާން ފެށިއެވެ. އަދި 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު މި ދައުލަތް، ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ނަމުގައި ވުޖޫދަށް އައެވެ.

މިކަމުގައި އެންމެ އިސްކޮށް އުޅުއްވައި ދެކުނުގެ ތިން އަތޮޅުގައި ވަކި ސަރުކާރެއް އުފެއްދެވި ޢަބްދުﷲ ޢަފީފު ދީދީއަކީ މައިފުށުގެ އާއިލާއިން ނާޞިރާ ތިމާގެ ވެސް ބޭފުޅެކެވެ. އެހެނީ ޢަބްދުﷲ ޢަފީފުދީދީ އަކީ މީދޫ ކަޅިހާރު ދޮން ޢަލިތަކުރުފާނުގެ ހިތަދޫ އެޅެދީދީ (މުޙައްމަދުދީދީ) ގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފުދީދީއެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، މި ކަޅިހާރު ދޮން ޢަލިތަކުރުފާނާ އެއްބަނޑުއެއްބަފާ ކަޅިހާރު ޢާއިޝާ މަނިކުފާނުގެ ޙުސައިންދީދީގެ މަރްޔަމްދީދީގެ މޫސާދީދީގެ ޢާއިޝަތުދީދީގެ އިބްރާހީމް ނާޞިރެވެ. އެހެން ނަމަވެސް އާއިލީ ތިމާގެ ކަމަށް ވުރެ ނާޞިރު އިސްކުރެއްވީ ގައުމެވެ.

ސުވައިދީބު ސަރުކާރު އުވި، ދިވެހި ދައުލަތުގެ ދަށަށް ދެކުނުގެ އަތޮޅުތައް އަލުން އައުމާއެކު، އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ޢަބްދުﷲ ޢަފީފު، ދިވެހި ސަރުކާރަށް ނާންގައި އިނގިރޭސީން ވަނީ ސީޝެލްސްއަށް ގެންގޮސްފައެވެ. އަފީފު ސީޝެލްސްއަށް ގެންދިޔައީ 30 ސެޕްޓެންބަރު 1963 ގައެވެ. މިކަން ނާޞިރަށް "ރަސްމީކޮށް" އެނގިވަޑައިގަތީ އިނގިރޭސި ވިލާތުގެ މަންދޫބަކާއެކު ބޭއްވި ބައްދަލުވުމެއްގައި އެ މަންދޫބުގެ ފަރާތުންނެވެ. އެކަން އެނގިވަޑައިގަތުމުން އެކަމާ ކޯފާވެގެން ނާޞިރު ވިދާޅުވި ކަމަށް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި ދިވެއްސަކު ދިވެހި ސަރުކާރަށް ނޭނގި އެ ގޮތަށް އިނގިރޭސީންނަށް ނުގެންދެވޭނެ ކަމުގައެވެ. ނާޞިރުގެ ހަރުކަށި ބަސްފުޅުތަކާ ހުރެ އިނގިރޭސިވިލާތުގެ މަންދޫބު ވެސް ކޯފާވިއެވެ. އަދި ދިވެހީންނަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ތިބި ބައެއް ކަމުން އިނގިރޭސީން ބޭނުން މީހަކު ބޭނުން ތާކަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން ނާޞިރު ވިދާޅުވީ އެހެންވިއްޔާ ހިމާޔަތުގެ އެއްބަސްވުން އުވާލައި، ފުރިހަމަ މިނިވަންކަން ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކާން އެއްބަސް ނުވަނީސް ދެން އިނގިރޭސީންގެ އެއްވެސް މަންދޫބަކާ ބައްދަލުނުކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެގްރިމަންޓް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ. -- ފޮޓޯ/ ދިވެހި ޑައިޖެސްޓް

ޝަރުތަކާ ނުލާ މިނިވަންކަން ދޭން އެންގެވި

ދިވެހީން ތިބީ އިނގިރޭސީންގެ "ހިމާޔަތުގެ" އަޅުވެތިކަމުގެ ދަށުގައެވެ. އެކަމަކު ނާޞިރު އެމީހުންނަށް ދޫ ދެއްވާކަށް ގަސްތެއް ނުކުރެއްވިއެވެ. މިއީ ނާޞިރު ގައުމަށް ޓަކައި ގެންގުޅުއްވި ހަރުދަނާ އުސޫލެވެ. އެންމެ ފަހުން އިނގިރޭސީންނަށް ޖެހުނީ ނާޞިރު ވިދާޅުވި ފަދައިން ހިމާޔަތުގެ އެއްބަސްވުން އުވާލައި، ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމާ ބެހޭ ވާހަކަތައް ފެށުމަށެވެ. މިނިވަންކަން ހޯދުމުގެ ވާހަކަތައް ރަސްމީކޮށް ފެށުނީ 12 އޯގަސްޓު 1964 ވަނަ ދުވަހު ސިލޯނުގައެވެ.

މިނިވަންކަން ދިނުމާ ބެހޭ އެއްބަސްވުމެއްގެ ޑްރާފްޓެއް އިނގިރޭސި ސަރުކާރުން ތައްޔާރުކޮށްގެން ހުށަހެޅިއެވެ. މި އެއްބަސްވުމުގައި ހުރި މާއްދާތަކަށް ގެންނާން ޖެހޭ ބަދަލުތައް ވަޔަރުލެސްގެ ޒަރީއާއިން ނާޞިރު އަރިހުން އޮޅުން ފިލުއްވަމުން ގެންދެވީ އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަރުކާރުގެ މަންދޫބު ޢަބްދުއްސައްތާރު މޫސާދީދީއެވެ. ނާޞިރު ވިދާޅުވާ ވާހަކަފުޅުތައް އިނގިރޭސީންނާ ހަމަޔަށް ގެންދަވައި، އިނގިރޭސީން ބުނާ ވާހަކަތައް ނާޞިރަށް އަންގަވަމުން ގެންދެވީ ޢަބްދުއްސައްތާރު މޫސާދީދީއެވެ. އެންމެ ފަހުން ދެބައިމީހުންނަށް އެއްބަސްވެވޭ ނުކުތާތަކުގެ މައްޗަށް އެއްބަސްވުން އެކުލަވައިލެވުނީއެވެ.

މިނިވަންކަމުގެ އެގްރިމަންޓްގައި ސޮއިކުރަން ޖުލައި 26، 1965ގައި ސިލޯންގައި ހުންނަވާ އިނގިރޭސި ސަފީރުގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތު: އެ ރަސްމިއްޔާތު އޮތީ، މާލޭ ގަނޑިން އެ ދުވަހު ހެނދުނު 10:00 ގައި. -- ފޮޓޯ/ ދިވެހި ޑައިޖެސްޓް

ކޮންމެވެސް ޒަމާނެއްގައި އިނގިރޭސީން ރާއްޖެ ދޫކޮށްލި ނަމަވެސް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު އެ ވަރަށް މަސައްކަތް ނުކުރެއްވި ނަމަ ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބުނީސް ކަމާއި، ރާއްޖެ އޮތީހީ ސިލޯނު ފަދަ ގައުމެއްގެ ދަށުގައި ކަމަށް، އެ ދުވަސްވަރު ކަންތައް ހިނގަމުން ދިޔަ ގޮތް ދެކެވަޑައިގަތް ބޭފުޅުން ވިދާޅުވެއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ހަތް އަހަރު ދުވަހުގެ މިންނެތް މަސައްކަތްޕުޅުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އިނގިރޭސީންގެ ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހިޒް އެކްސެލެންސީ މައިކަލް ވޯކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

ދިވެހި ގައުމަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވި މި މާތް ބަތަލު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެންމެ ފަހުން ގައުމުގައި ހުންނެވީ 7 ޑިސެންބަރު 1978 ވީ ބުރާސްފަތި ދުވަހާ ހަމައަށެވެ. އޭގެ ފަހުން އަވަހާރަވާން ދެން ހުންނެވީ ސިންގަޕޫރުގައެވެ. އުފަން ވަޒަނުގައި ހުންނެވޭން ނެތިގެންނެވެ. ދިވެހި ގައުމުގެ ނާޞިރުލްޙުއްރިއްޔާ ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ 22 ނޮވެންބަރު 2008 ވީ ހޮނިހިރު ދުވަހުގެ ރޭ 9:30 ހާކަށް ހާއިރު ސިންގަޕޫރުގައެވެ.