26 Jul 2019, 00:36
ޓޫރިޒަމް މިނިސްޓްރީ ގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސޫޒަން ހަނީފު އައްޔަންކުރައްވައިފި އެވެ.
ސޫޒަން ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވެވީ، އެކަމަށްޓަކައި މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ސޫޒަން އަކީ އޮސްޓްރޭލިއާގެ ޔުނިވާސިތީ އޮފް ސަދާން ކުއީންސްލޭންޑް އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވަވައި އަދި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލާ އޮފް އާރޓްސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ.
ގިނަދުވަސްތަކެއް ވަންދެން ސޫޒާން މަސައްކަތް ކުރައްވަވާފައިވަނީ ވެރިންގެ ފެންވަރުގައި މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގައެވެ. އެގޮތުން އެމްޓީސީސީގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ސޫޒަން ވަނީ ހާސިލް ކުރައްވަވާފައިވެއެވެ.