ސެޓެލްމެންޓް އެގްރިމަންޓްތަކަށް އަމަލުކުރަން ލާޒިމް ކުރާ މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފި އެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގް ފްރޮމް މީޑިއޭޝަން" މުއާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފަޔަށް ހުށައެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހް އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާގޮތެއްގެ މަތިންނެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގް ފްރޮމް މީޑިއޭޝަން" މުއާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަގުވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ އެގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމުތައް ގާއިމުކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

މި މުއާހަދާއަކީ މިދިޔަ ޑިސެމަބަރު 20ގައި އދ ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުއާހަދާއެކެވެ. މި މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ސިންގަޕޫރުގަ އެވެ.