25 Jul 2019, 21:54
ތޫނިސް (ޖުލައި 25): ތޫނިސްގެ ރައީސް މުހައްމަދުލްބާޖީ ގާޔިދު އައްސިބްސީ އަވަހާރަވިކަން އެގައުމުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
ތޫނިސްގެ ހާރިޖީ ވަޒީރު ހަމީސް އަލްޖުހައިނާވީ ވިދާޅުވީ ސިބްސީ އަވަހާރަވުމާއެކު ހަތް ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާންކޮށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ސިބްސީގެ ޖަނާޒާ ގައުމީ ފެންވަރުގައި ބާއްވާނެކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ފަށާފައިވާ ކަމަށް ޖުހައިނާވީ ވިދާޅުވި އެވެ.
ސިބްސީ އަވަހާރަވީ އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހާލުކޮޅު ބޮޑުވެގެން ވެރިރަށް ތޫނިސްގެ އަސްކަރީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނު ތޫނިސްގެ ގަޑިން 10:25ގައި ކަމަށް އެގައުމުގެ ރިޔާސަތުން އިއުލާންކޮށްފައިވެ އެވެ.
އުމުރުފުޅުން 92 ދެއަހަރުގެ އައްސިބްސީއަކީ ތޫނިސްގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ތަޖްރިބާކާރެކެވެ. ސިބްސީ ވަނީ ތޫނިސްގެ ހާރިޖީ ވަޒީރުކަމާއި އެނޫންވެސް ބައެއް ދާއިރާތަކުގެ ވަޒީރުކަން ކުރެއްވުމުގެ އިތުރުން ބޮޑުވަޒީރުކަމާ އަދި އެންމެފަހުން ރައީސްކަންވެސް ކުރައްވާފަ އެވެ.
ސިބްސީގެ ދަރިކަލުން ހާފިޒް އައްސިބްސީ ދެއްވި ބަޔާނެއްގައި ވިދާޅުވީ އަވަހާރަވުމުގެ ކުރިން އޭނާގެ ބައްޕާފުޅު ގައުމަށް ކުރެއްވީ ދެވަސިއްޔަތެއް ކަމަށާއި އެއީ ރައްޔިތުން ބައިބައިނުވެ ތިބުމަށާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ އަމާނާތެއްކަން ހަނދާންކޮށް މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަމެއް ނުކުރުމަށެވެ.
މީގެ 10 ވަރަކަށް ދުވަސްކުރިންވެސް ސިބްސީ އަށްވަނީ ތޫނިސްގެ އަސްކަރީ މައި ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފަ އެވެ. ސިބްސީ އަވަހާރަވީ ކޮންބައްޔެއްކަން ސާފުނުވި ނަމަވެސް މުސްކުޅިފުޅު ވުމުގެ ސަބަބުން ކުރިމަތިވާ ގިނަ ބަލިތަކެއް އޭނާ ތަހައްމަލް ކުރައްވަމުން ގެންދަވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ސިބްސީ އަވަހާރަވުމާ ގުޅިގެން ތޫނިސްގެ ވަގުތީ ރައީސް ކަމަށް ޕާލަމެންޓްގެ ރައީސް މުޙައްމަދު އަންނާޞިރު ވަނީ މިއަދު މެންދުރު، އިސްވެ ވަޑައިގެންފަ އެވެ. ތޫނިސްގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސް އަވަހާރަވެއްޖެ ހާލަތެއްގައި ވަގުތީގޮތުން ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ޕާލަމެންޓްގެ ރައީސް އެވެ. އަދި ވަގުތީ ރައީސް ކަމުގައި ހުންނަވާ ޕާލަމެންޓްގެ ރައީސަށް 90 ދުވަހަށް ވުރެ. އިތުރަށް ވެރިކަމުގައި ނުހުންނެވޭނެ ކަމާއި އެމުއްދަތުގެ ތެރޭގައި އިންތިހާބެއް ބާއްވައި އައު ރައީސަކާ ވެރިކަން ހަވާލުކުރަން ޖެހޭނެކަމަށް ތޫނިސްގެ ގާނޫނު އަސާސީ ބުނެ އެވެ. (އަލްޖަޒީރާ)