25 Jul 2019, 21:21
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ.
ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ޖޭމްސް ޑޯރިސްގެ ސަފީރުކަމުގެ ހަތަރު އަހަރުގެ ދައުރު ހަމަވީ މިދިޔަ އެޕްރީލް މަހަށެވެ.
ވަދާއީ ޒިޔާރަތުގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި ސަފީރު ވިދާޅުވީ، ހަތަރު އަހަރުގެ ދައުރު ނިންމާލައްވަނީ އުފާވެރިކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނުގެ ދައުރު ނިންމަވާލައްވާއިރު މިދިޔަ ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅިފައިވާކަން އުފަލާއެކު ޑޯރިސް ފާހަގަ ކުރެއްވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ބޭރު ދުނިޔޭގެ މަސްރަހުގައި ރާއްޖެ އާއި އިގިރޭސިވިލާތުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި، މިނިވަން ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމާއި، އިންޑިޔާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރުމާއި، ކަނޑުގެ ދިރުންތަށް ރައްކާތެރިކުރުންފަދަ ކަންކަން ހިމެނޭކަން ސަފީރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ، ތައުލީމާއި ވިޔަފާރިއާއި ސަލާމަތީ ދާއިރާއަކީ ޒަމާނުއްސުރެ ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިފައިވާ ދާއިރާތަކެއް ކަމަށެވެ.
ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލްއާ އެކު ވަކި ވަކީން މިއަދު ބޭއްވެވި މިބައްދަލުކުރެއްވުން ތަކުގައި ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން ގެންދާ ދަތުރުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވި އެވެ.
ދެބޭފުޅުން ވެސް ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާކަމުގައި ދެބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހާއި އަދި ނައިބު ރައީސް ފައިސަލް ވަނީ އިނގިރޭސިވިލާތުގެ ސަފީރަކީ ރާއްޖޭގެ ގާތް އެކުވެރިއެއްކަމުގައި ސިފަކުރައްވައި، އެމަނިކުފާނަށް ބާއްޖަވެރި ކުރިމަގަކަށްއެދިވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަސް އިނގިރޭސި ސަފީރު ޑޯރިސް ކޮށްދެއްވި މަސައްކަތްތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރުއަދާކުރެއްވި ކަމަށެވެ.
އިނގިރޭސީވިލާތުން ލަންކާ އަދި ރާއްޖޭއަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ ގޮތުގައި ޑޯރިސް ކަނޑައެޅީ 2015 ވަނަ އަހަރުގެ އެޕްރީލް މަސް ތެރޭގަ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ޖޭމްސް ދިރިއުޅެމުން އައީ އިނގިރޭސީ އެމްބަސީ ހުންނަ ލަންކާގަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން އައިރު، ޖޭމްސް ޑޯރިސް ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބައްލަވައި، ރާއްޖެއަށް ގިނަ ދަތުރުތަކެއް ވަނީ ކުރައްވައިފަ އެވެ.