ޑޮމެސްޓިކްކޮށް ނަގާފައިވާ ޝޯޓްޓާމް ލޯންތަކާއި ޓީ ބިލްތައް ހަމައަކަށް އެޅުވުމަށް އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު]462.6 މިލިއަން ރުފިޔާ[ ލޯން ދިވެހި ސަރުކާރަށް ނަގައިފި އެވެ.

ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ އެ 30 މިލިއަން ޑޮލަރުގެ ލޯނަކީ އިންޑިއާ އިން ނެގުމަށް ހަމަޖެހިފައިވާ 100 މިލިއަން ޑޮލަރުގެ ބައެއް ކަމަށެވެ.

ނަމަވެސް މިއަދު ނެގި 30 މިލިއަން ޑޮލަރުގެ ލޯންނަކީ ކިހާ ދުވަހެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގި ލޯނެއް ކަމެއް އަދި އިންޓަރެސްޓް ރޭޓަކީ ކިހާވަރެއް ކަމެއް އިނާޒު ވިދާޅެއް ނުވި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ސާކް ސަމިޓަށް ފަހު އަންނަ މަހު 12 ވަނަ ދުވަހު މީޑިއާ އަށް ދެއްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެއް މިނިސްޓަރު އިނާޒާ ހަވާލުކުރެއްވީ އިންޑިއާ ހައިކޮމިޝަނަރު ޑީއެމް މުލޭ އެވެ.

އިންޑިއާ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރަށް ދިނުމަށް ނިންމައި 30 މިލިއަން ޑޮލަރުގެ ޗެކެއް ފައިނޭންސް މިނިސްޓަރާ އިންޑިއާ ހައިކޮމިޝަނަރު މިއަދު މި ހަވާލުކުރެއްވީ އިންޑިޔާގެ މަސްލަހަތަށް ގެއްލުންވާ އެއްވެސް ކަމެއް ރާއްޖެ އިން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.

އިންޑިޔާގެ މަސްލަހަތަށް ގެއްލުންވާ އެއްވެސް ކަމެއް ރާއްޖެ އިން ނުކުރާނެ ކަމަށާއި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑިޔާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ އޮސްޓްރޭލިއާގަ އެވެ.

އޮސްޓްރޭލިއާގައި، ކޮމަންވެލްތު ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ "އައިބީއެން ލައިވް"ގައި ވަނީ"އިންޑިޔާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ދިވެހި ރާއްޖެ އަބަދު ވެސް އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވަމުން އަންނަ އައުމާ މެދު އިންޑިޔާ އިން ކަންބޮޑުވާ ކަންބޮޑުވުމާ ބެހޭ ގޮތުން އިންޑިޔާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންކަމަށް އައިބީއެން ލައިވްގައިވެ އެވެ.