ގައުމީ ބޭންކް، ބީއެމްއެލް އިން ބ. ތުޅާދޫ އާއި ލ. މާވަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމުކޮށްފި އެވެ.

މިއީ އެ ކުންފުނީގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާއިމު ކުރި ސެންޓަރުތަކެކެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މިހިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ތުޅާދޫ އަދި މާވަަށުގެ ރައްޔިތުންނަށް ޒަމާނީ ސެލްފްސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ބޭންކިން ހިދުމަތް ފޯރުކޮށްދެވުމުގެ ފުރުސަތު ލިބުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ މުޅި ރާއްޖެ އަށް ބޭންކިން ޚިދުމަތް ފުޅާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް،" އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އެކުންފުނިން މިހާތަނަށް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި 37 ބްރާންޗާއި 45 ސެލްސް ސާވިސް ބޭންކިން ސެންޓަރު މިހާތަނަށް ހުޅުވާފައެވެ. އޭގެ އިތުރުން އެކުންފުނިން ވަނީ، އެކި ރަށްތަކުގައި ކޭޝް އޭޖެންޓުންނާއި ޕީއޯއެސް މާޗަންޓުންގެ އިތުރުން އޭޓީއެމްތައް ވެސް ގާއިމް ކޮށްފަ އެވެ.