25 Jul 2019, 16:24
ދެހާސް ހަތް ވަނަ އަހަރު ތިނަދޫ ހޮސްޕިޓަލުން ދިން ބޭހަކާ ގުޅިގެން ތިން އަހަރުގެ ކުޑަކުއްޖެއްގެ ކަންފަތުގެ އިވުން ގެއްލި ބީރުވި މައްސަލާގައި ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ މަދަނީ ކޯޓުގައި ކުއްޖާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރީ ކުއްޖާގެ ބައްޕަ ގދ. ފަރެސް، ހަނދުވަރީގެ އަހުމަދު އިހުސާން އެވެ. މަދަނީ ކޯޓުގައި ދައުވާ ކުރުމުން އޭރު ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އަދި ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ.
މި މައްސަލައިގައި އިންސާފު ހޯދަން ކުއްޖާގެ ބައްޕަ މަސައްކަތް ކުރާތާ އެތަައް އަހަރު ފަހުން މިއަދު ސުޕްރީމް ކޯޓުން ވަނީ އޭނާއާ އެއްކޮޅަށް ހުކުމްކޮށް ބަދަލުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފަ އެވެ.
ދަރިފުޅަށް ލިބުނު ގެއްލުމުގެ ބަދަލު ކުއްޖާގެ ހަތް މިލިއަން އަގުކޮށްފައި ވަނީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި، އާމްދަނީ ހޯދުމުގެ ދޮރު ބަންދުވުމާއި، ހިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދު އަގުކުރުމަށް ފަހު އެވެ.
ބީރުވި ކުއްޖާ 2007 ވަނަ އަހަރު ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައީ ހުން އައިސް، އަތް ދުޅަވާތީ އެވެ. އެ ހޮސްޕިޓަލުން ޑރ. ޕައުލް ކިޔާ ޑޮކްޓަރަކު ވަނީ ބެކްޓީރިއަލް އިންފެކްޝަނަކަށް ކުއްޖާއަށް ޖެންޓަމައިސިން ކިޔާ އެންޓިބައޮޓިކެއް ދީފަ އެވެ. އެ ބޭހަކީ ވަކި ވައްތަރެއްގެ ޖީންސް ހުންނަ މީހުން ބީރު ކުރުވާ ބޭހެކެވެ. އެހެންނަމަވެސް، އެއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ. އެކަމަކު، ބީރުވި ކުއްޖާ އަކީ އެ ޖީންސް ހުންނަ ކުޖެއް ނޫން ކަމަށް ޓެސްޓުތަކުން މީގެ ކުރިން ވަނީ ދައްކައިފަ އެވެ.
މި މައްސަލާގައި މާހިރަކު ހަދާފައިވާ ރިޕޯޓްގައިވާ ގޮތުން ކުއްޖާއަށް ބޭސް ދީފައިވަނީ ރަނގަޅު މިންވަރަށެވެ. ނަމަވެސް ބޭސް ދީފައިވަނީ ގޯސްކޮށް ކަމަށް ކުއްޖާ، މާލެ ގެނެސް ދެއްކި ޑޮކްޓަރު ބުނެފައިވާ ކަމަށް ބައްޕަ ވަނީ ބުނެފަ އެވެ. އެގޮތުން ބޭސް ދޭން ޖެހެނީ ބަރުދަނާ ގުޅޭ ވަރަށް ކަމާއި، ބަރުދަނާ ނުގުޅޭ ވަރަށް ޑޯސް މަތިކޮށްފިނަމަ ގެއްލުމެއް ވެދާނެ ކަމަށް ބުނެފައިވެ އެވެ.
މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވަނީ، އެއްވެސް ރެކޯޑަކުން ކުއްޖާގެ ބަރުދަން ނެތްކަން ފާހަގަކޮށް، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމުން އޭނާއަށް ޖެންޓަމައިސިން ދޭން ޑޮކްޓަރު އިރުޝާދުދީފައިވަނީ ކުއްޖާގެ ބަރުދަން ބެލުމެއް ނެތިކަމަށް ބުނެފަ އެވެ.
އޭގެއިތުރުން ޖެންޓަމައިސިން ކުއްޖާއަށް ދިނީ އެ ބޭހާ ގުޅޭ މައުލޫމާތާއި ބޭސް ދޭންވީ ގޮތުގެ އިރުޝާދު ބެލެނިވެރިންނާ ހިއްސާނުކޮށް ކަމަށް ހުކުމުގައިވެއެވެ. އަދި ހެކިބަސް ދިން ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މައްސަލާގެ ލިޔުންތައް ފަހުން ބަދަލުކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ލިޔުންތައް ވަނީ ތަހުލީލުވެސްކޮށްފަ އެވެ. ފުލުހުން ވެސް ބުނެފައިވާ ގޮތުން ލިޔުންތައް ވަނީ ޓިޕެކްސް ޖަހައިގެން ބަދަލުކޮށްފަ އެވެ. އެކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރު އެ ކުއްޖާގެ އިވުމުގައި އެއްވެސް މައްސަލައެއް ނެތްކަން އެނގެން އޮތްއިރު ކުއްޖާގެ އިވުން ގެއްލިގެން ދިޔައީ ޖެންޓަމައިސިން ދިނުމުގެ ސަބަބުން ނޫން އެހެން ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނެތްކަންވެސް ހުކުމުގައި ބުނެފައިވެއެވެ.
ހުކުމްގައި ބުނި ގޮތުގައި ސިއްހީ އިހުމާލުގެ މައްސަލަތައް ސާބިތު ކުރަން ތިން ރުކުނެއް ފުރިހަމަވާން ޖެހެއެވެ. އެއީ ބަލި މީހާއަށް ޑޮކްޓަރުގެ އޮތް މަސްއޫލިއްޔަތާއި ބަލި މީހާއަށް ލިބުނު ގެއްލުމާއި ބަލި މީހާއާ މެދު ދިމާވި އިހުމާލަކީ ޑޮކްޓަރުގެ ފަންނީ ކުށެއްގެ ސަބަބުން ދިމާވާ ކަމަކަށްވުމެވެ. އެ ކަންތައްތައް ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ މި މައްސަލާގައި އެ ރުކުންތައް ފުރިހަމަވާ ކަމަށެވެ.