25 Jul 2019, 16:17
ދެހާސް ފަނަރަ ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލައިގަ ދައުވާކުރާ ހަތަރު މީހުންގެ ތެރެއިން ދޫކޮށްލި ތިން މީހުން އަލުން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖައިލަމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނުގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ ތެރެއިން އަނީގު އާއި ނަސީބު އަދި އިރުފާން ބަންދުގައި ބަހައްޓާފައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުކީ، އެ މައްސަލައިގެ ހިމެނޭ ތިން މީހުން ދޫކޮށްލާފައި ހުރުމުން އެ މީހުން ބަންދުކޮށް ދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވުމުން ބޭއްވި އަޑުއެހުމެކެވެ.

ޖައިލަމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ނަސީބު ސައީދު އާއި އިސްމާއިލް އަނީގް އަލުން ހައްރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމަރު ކޮށްފައި -- ސަން ފައިލް ފޮޓޯ// އަހުމަދު އާޒިފް ދައުވާ
ޖައިލަމްގެ މަރުގެ މައްސަލައިގެ ހިމެނޭ ތިން މީހުން ހާއްޔަރު ކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ އެ މީހުންގެ ފަރާތުން މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އާއި 'ސިއްރު' އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.
އެގޮތުން މިއަދުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ އައިމިނަތު ޝީޒާ އިބްރާހިމް ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން އެނގޭ ގޮތުގައި، މާރާމާރީ ހިންގުމުގެ ރިކޯޑް އޮންނަ ނުރައްކާތެރި ގްރޫޕްތަކުގައި އެ ތިން މީހުން އިސްކޮށް ހަރަކާތްތެރިވާ ކަމަށެވެ.
އެ ތިން މީހުން ނިސްބަތްވާ ގްރޫޕްތަކަށް ނިސްބަތްވާ މީހުން، އެ މައްސަލައިގަ ހިމެނޭ ހެކިންނަށް ބިރުދައްކާ ކަމަށް ދައުލަތުގެ ވަކީލް ވަނީ ފާހަގަކޮށްފަ އެވެ. އަދި ވިދާޅުވީ، އެކަމުގެ ސަބަބުން އެ ފަރާތްތަކުން ހެކިބަސް ދިނުމަށް ފަސްޖެހެމުން ދާ ކަމަށެވެ.
ދައުލަތުގެ ވާހަކަތަކައް ރައްދު ދެއްވައި ދިފާއީ ވަކީލް ވިދާޅުވީ، ތިން މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމަރު، ދައުލަތުން އިސްތިއުނާފް ކޮށްފައިނުވާ ކަމަށާއި އިސްތިއުނާފް ނުކޮށް އަލުން ކްރިމިނަލް ކޯޓުގައި އެ މީހުން ބަންދުކޮށް ދިނުމަށް އެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަޅިން ހަމަލާދީ މަރާލި ޖައިލަމް --
ތިން މީހުން ދޫކޮށްލި ފަހުން ކުށުގެ އެއްވެސް މައްސަލައެއްގައި ފުލުހުން އެ މީހުން ހައްޔަރު ކޮށްފައި ނުވާކަން ފާހަގަކޮށް ދިފާއީ ވަކީލް ވިދާޅުވީ، މާރާމާރީ ހިންގަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭ ނަމަ ހެއްކާއި އެކު އެ މީހުން ހައްޔަރު ކުރަންވީ ކަމަށާއި އެހެން ނަމަވެސް މިހާރު އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅުވައިގެން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ނުނިމި ލަސްވެގެން ދަނީ ދައުލަތުން ހާޒިރު ކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން ކަން ދިފާއީ ވަކީލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ މީހުން ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވާއިރު ހެކިން ތިބީ ސިއްރު ކޮށްފައި ކަމަށާއި އެހެން ކަމުން ހެކިންނަކީ ކޮބައިކަން އޭނާގެ މުވައްކިލުންނަށް ނޭނގޭ ކަމަށެވެ.
ދޫކޮށްލާފައިވާ ތިން މީހުން ހައްޔަރު ކޮށްފި ހެކިން ހާޒިރު ކުރެވޭނެތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ދައުލަތުގެ ވަކީލާއި ސުވާލު ކުރައްވާފަ އެވެ.
އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެ މީހުން ދޫކޮށްލާފައި ތިބުމުން ހެކިނާއި ހެކިންގެ އާއިލާތައް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ތިން މީހުން ބަންދުކޮށްފި ނަމަ ހެކިން ހާޒިރު ކުރެވޭނެ ކަމަށެވެ.
އެއާއި އެކު ގާޒީ ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ކަންކަމަށް ރިޔާއަތްކޮށް އެ ތިން މީހުން ބަންދު ކުރުމަށް އަމުރު ކުރާ ކަމަށެވެ.