މާފުށީ ޖަލުގައި މިފަހުން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންނަށް ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ބޯޑަށް ފޮނުވާފައިވާ ކަމަށް އެ ސާވިސް އިން ބުނެފި އެވެ.

މިއަދު ކަރެކްޝަންސްއިން ބުނީ، 20 ޖޫންގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރު ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާ ބެހޭ ގަވައިދުގެ 10 ވަނަ މާއްދާގައިވާ "ޔޫސް އޮފް ފޯސް ކޮމިޓީ"އަށް ކޮމިޝަނާ އޮފް ޕްރިޒަންސް މައްސަލަ ހުށަހެޅުއްވި ކަމަށެވެ.

އެ މައްސަލަ ބަލައި ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބައެއް އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވާތީ އެ އޮފިސަރުންނަށް ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 45 ވަނަ މާއްދާ ބުނާ ގޮތަށް ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ފޮނުވާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބުނެފައިވާގޮތުން ގައިދީންނާއި އޮފިސަރުން ކުރާ ކުށްތައް ބަލައި ފިޔަވަޅު އަޅާނީ ޑިސިޕްލިނަރީ ބޯޑުންނެވެ. އެ ބޯޑަށް ހުށަހެޅޭ މައްސަލައެއް ބަލަމުންދާ ދިއުމުގައި މައްސަލާގައި ތުހުމަތުކުރެވޭ މީހާއަށް އަނގަބަހުން ކަންކަން ހުށަހެޅުމާއި މައްސަލައާއި ގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ލިބިދޭން ވާނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވެ އެވެ.

ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލާގައި މީގެ ކުރިން ސަސްޕެންޑުކޮށްފައިވާ އޮޕަރޭޝަން ކޮމާންޑަރުގެ ސަސްޕެންޝަން ދެމެހެއްޓޭނެ ތަނެއް ނެތް ކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ފެށުނީ ގޮޅިއަށް ވެއްދުން މަނާ އެއްޗެއް ގެނެސްދިނުމަށް އޮފިސަރެއް އިންކާރު ކުރި ހިސާބުން އުފެދުނު ހިތް ހަމަނުޖެހުންތަކުގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާ ދިނުމުން ކަމަށް މީގެ ކުރިން ކަރެކްޝަނުން ވަނީ ބުނެފަ އެވެ. އެ ކަމާއި ގުޅިގެން އޮފިސަރުންނާއި ގައިދީންނާ ކުރިމަތިލުންތަކެއް ހިނގައި ހަ ގައިދީއަކަށް އެކި ވަރުގެ އަނިޔާ ލިބި ވަނީ ފަރުވާދީފަ އެވެ.

އެ ފަހުން އައި ދެތިން ދުވަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައި ދިޔައެވެ. އެ ހަމަނުޖެހުންތަކުގައި ބައެއް ގައިދީންނަށް އަނިޔާވި އިރު، ހަމަނުޖެހުންތަކަށް ފަހު ބައެއް ގައިދީންގެ ބޯ ކުރުކޮށް ކޮށާފައިވެސްވެއެވެ.