މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ ނަގަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖީއެސްޓީގެ ޓެކްނިކަލް ޕްރެޒެންޓޭޝަނެއް ހުށަހެޅި ޝަރީއަތުގެ އެ މަޖިލިސް ނިންމަވާލައްވަމުން ރިޔާސަތު ބެލެހެއްޓެވި ފަޑިޔާރު އަބްދުލްޣަނީ ވިދާޅުވީ ޝަރީއަތުގެ އަޑުންއެހުންތައް މިއަދު ނިމުމާ އެކު ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ކަމަށާއި އެ މަޖިލިސް އޮންނާނެ ދުވަހެއް އިއުލާން ކުރައްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖީއެސްޓީއާ ގުޅޭ ގޮތުން ދެ ފަރާތައް ވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ފުރުސަތު ދެއްވުމުން ޕުރެޒެންޓޭޝަން ހުށަހެޅީ ދައުލަތުގެ ފަރާތުން އެކަންޏެވެ. ޕަވާ ޕޮއިންޓް އެ ޕުރެޒެންޓޭޝަން ހުށަހަޅުއްވާދެއްވަމުން މީރާގެ ޑައިރެކްޓާ ޖެނެރަލް ފަތުހުﷲ ޖަމީލް ވަނީ ޖީއެސްޓީއަކީ ކޮބައިކަމާއި ޖީއެސްޓީ ނެގޭނީ ކޮންކަހަލަ މުދަލަކުންކަން ބަޔާންކޮށް ވާހަކަ ދައްކާފަ އެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ބުނާ ޑަބަލް ޓެކްޒޭޝަންއާ ގުޅޭ ގޮތުން ފަތުހުﷲ ވިދާޅުވީ ޑަބަލް ޓެކްޒޭޝަން އަކީ އެއްގައުމަށް ވުރެ ގިނަ ގައުމުތަކުގައި އެއްބާވަތެއްގެ އެއްޗަކުން ދެފަހަރަށް ޓެކްސް ނެގޭ ނެގުން ކަމަށާއި އެއީ މަދުން ހިނގާކަމެއް ނޫންކަމަށެވެ. އިމްޕޯޓު ޑިއުޓީއާއެކު ޖީއެސްޓީ ނަގާ ނެގުމާ ގުޅޭ ގޮތުން ވިދާޅުވީ ދުނިޔޭގެ 91 ޕަސެންޓް ގައުމުތަކުގައި އިމްޕޯޓް ޑިއުޓީއާ އެކު ޖީއެސްޓީ ވެސް ނެގޭ ކަމަށެވެ.

"މިސާލަކަށް ބުނާ ނަމަ ސިންގަޕޫރު ޖަޕާނު ފަދަ ގައުމުތަށް މިހިރީ ހިމަނާފައި،" އެ ޕްރެޒެންޓޭޝަން ހުށަހަޅުއްވާ ދެއްވަމުން ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުﷲގެ ވާހަކަތަކަށް ރައްދުދެއްވާ ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ ވަކީލު އަލީ ހުސައިން ކުރީގެ ޝަރީއަތުގައި ވެސް ވިދާޅުވި ގޮތަށް މިއަދު ވެސް ވިދާޅުވީ ހަމަހަމަ ކަމުގައި އިސްތިސްނާ ކުރެވޭނީ ގާނޫނު އަސާސީގެ ދަށުން އެންމެ ދެ ހާލަތުގައި ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ. ގެ ދަށުން ނިކަމެތިންނާއި 35 ވަނަ މާއްދާގެ ދަށުން ނުކުޅަދޭ މީހުންނާއި ކުޑަކުދިން ކަމަށް ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން އެއް މިލިއަނަށް ވުރެ އަހަރެއްގެ މައްޗަށް އާމްދަނީ ލިބޭ ވިޔަފާރިވެރިންނަކީ އެ ދެ މާއްދާގެ ދަށަށް ފެތޭނެ ބައެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި އެމީހުންގެ އަތުން ޖީއެސްޓީ ނުނެގުމަކީ ނުވަތަ އެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.

ވަކީލު ވިދާޅުވީ ޑަބަލް ޓެކްސޭޝަނަކީ އެއް ބާވަތެއްގެ މުދަލުން ދެ ފަހަރަށް ޓެކްސް ނެގުން ކަމަށެވެ. އެހެންކަމުން އިމްޕޯޓް ޑިއުޓީ އާއި ޖީއެސްޓީގެ ސަބަބުން ވިޔަފާރިވެރިން ދެ ފަހަރަށް ޓެކްސް ދައްކަން ނުޖެހުނު ނަމަ އާންމު ރައްޔިތުން ދެ ފަހަރަށް ޓެކްސް ދައްކަންޖެހޭ ކަމަށް އަލީ ހުސެއިން ވަކާލާތުކުރެއްވި އެވެ.

"ރަށަކަށް ދޯންޏެއްގައި އެއްޗެއް ގެންދާ މީހާއަށް ވެސް އެ އެއްޗެއް އެ ހިސާބަށް ގެންދާއިރު 6 ފަހަރު ނޫނީ 5 ފަހަރު (ޖީއެސްޓީ) އެބަ ނެގެމުންދޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ރާއްޖެއަކީ ގިނަ އަދަދަކަށް ތަކެތި އިމްޕޯޓު ކުރާ ގައުމަކަށް ވުމުން އިމްޕޯޓު ޑީއުޓީ އަކީ ފުދޭވަރަކަށް ބޮޑަތި ރޭޓްތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަޑިޔާރުންގެ ބެންޗުން މިއަދުވެސް ވަނީ މައްސަލާގެ ހަސްމުންނަށް ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އެ ވަގުތުގައި އަލީ ހުސެއިން ވިދާޅުވީ ޖީއެސްޓީގެ ގާނޫނަށް ހިޔާލުހުށަހެޅުމަށް ލިބުނީ ހަފްތާއެއްހާ ދުވަސް ކަމަށާއި އެއީ އެފަދަ ބޮޑު ބިލަކަށް ހިޔާލު ހުށަހެޅުމަށް މަދު ދުވަސްކޮޅެއް ކަމައްވެސް ދަންނަވާފައިވާނެ ކަމަށެވެ. އެ ވާހަކައަށް ރައްދުދެއްވާ ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ކުޑަ ވަގުތު ކޮޅެއްކަން އެންގިކަން އެނގިފައި ނުވާ ކަމަށާއި އަދި މަޖިލީހުގެ ކޮމެޓީއަށް ވެސް ހިޔާލެއް އެ ޖަމްއިއްޔާ އިން ހުށަނާޅާ ކަމަށެވެ. އެކަމަށް ބާރުލިބޭ ކަމަށް ބުނެ ހަވީރު ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރެއްގެ ކޮޕީއެއް ވަނީ ހުށަހަޅާފަ އެވެ.

މީރާއިން ވެސް އެ ފުރުސަތުގައި ވާހަކަ ދައްކަމުން ބުނީ އެ އޮތޯރިޓީއަށް ވިޔަފާރި ވެރިން ހޭލުންތެރިކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ވިޔަފާރި ވެރިން އެކަށީގެންވާ ވަރަށް ހޭލުންތެރިވެފައިވާ ކަމަށް ކަނޑައެޅިގެން ދަންނަވަން ނޭނގޭ ކަމަށް ވެސް އެ އޮތޯރީޓީން ޝަރީއަތުގައި ބުންޏެވެ.

"އެކި މީހުން އެކި މިންވަރަށް އެކަން މާނަކުރާނީ. އެހެންވީމާ ކަޑައެޅިގެން ހޭލުންތެރިވެފައިވާ މިންވަރު ދަންނަވާކަށް ނޭނގޭ،" ބެންޗުން ކުރި ސުވާލެއްގެ ޖަވާބުގައި ފަތުހުﷲ ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ހައި ކޯޓްގައި ދައުވާކޮށްފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނުގެ 51 ވަނަ މާއްދާއަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 މާއްދާއާ ހިލާފު މާއްދާއެއް ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަމުންދާ ގާނޫނުގެ 64 މާއްދާއަކީ ވެސް ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފު މާއްދާއެއް ކަމަށެވެ. ވުމާއެކު ޖީއެސްޓީ ގާނޫނުގެ 51 މާއްދާއާއި 64 މާއްދާ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ގޮތުގައި ކަނޑައަޅައި ދިނުމަށް ވެސް ކޯޓްގައި އެ ޖަމިއްޔާއިން އެދިފައިވެ އެވެ. އަދި މުދަލާ ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވާތީ އެ ގާނޫނަކީ އިންސާފުގެ ހަމަތަކުން އަމަލު ކުރަމުން އަންނަ ގާނޫނަކަށް ނުވާތީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަކީ ބާތިލު ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މިއަދު ކޯޓްގައި އެދުނެވެ.