25 Jul 2019, 15:10
ހުސްވި ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 241 މައްސަލަ ހުށަހެޅި އެޓެންޑްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.
އެއީ ޖޫން މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 ޕަސެންޓެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އޭގެ އިތުރުން ޖިންސީ ހާނީއްކައިގެ 36 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 23 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 18 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ދެ މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ އެއް މައްސަލަ ހިމެނެ އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 67 މައްސަލައަކާއި ފިރިހެން ކުދިންގެ 58 މައްސަލަ އެވެ.
މިދިޔަ މަހު ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ އަށް މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ ތިން މައްސަލަ އާއި ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލަ، ވެކްސިން ނުދިނުމުގެ ދެ މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ އެއް މައްސަލަ ހިމެނެ އެވެ.
އާއިލީ 18 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ ފަސް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ އެވެ.
ހަމައެއާ އެކު އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ލައިސެންސް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ މައްސަލައަކާއި މާރަމާރީ ހިންގުމުގެ މައްސަލައެއް ހިމެނެ އެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ފަސް މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ފަސް މައްސަލަ ހިމެނެ އެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 20 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ އިތުރުން، ޖިންސީ ހާނީއްކަކުރުމުގެ ހަ މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ފަސް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައަކާއި އިހުމާލުވުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއް ހިމެނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އޭގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ ވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ.