25 Jul 2019, 14:07
މި ދުވަސްކޮޅު ދިރާގުގެ ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ، އެ ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަޕްގްރޭޑްގެ މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.
"މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަމުންދާ ދަތިތަކެކެވެ." ދިރާގުން ބުންޏެވެ.
ބުރޫއަރާނެ ބައެއް ހިދުމަތްތައް:
- ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ހިދުމަތްތައް
- މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
- ދިރާގު ވެބްސައިޓްގައި، "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
- މަމެން މޮބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗާ)
- ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް އަދި ދިރާގު ޕާޓްނާޝޮޕް ތަކުން އާ މޮބައިލް ހިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
- މޮބައިލް ނަންބަރު ޕޯޓަބިލިޓީ
އެހެން ނަމަވެސް ކަސްޓަމަރުންނަށް ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލްގެ ހިދުމަތައް ބޭނުން ކުރެވެނޭ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަޕްގްރޭޑްގެ މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ހިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުމެވެ." ދިރާގުގެ ބަޔާނުގައިވެ އެވެ.
ދިރާގުން ބުނީ އިންޖިނިއަރުންނާ ޓެކްނިކަލް ޓީމުތަކުން ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.