ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ސަރުކާރުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުންނެވެ. ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމަވާފައި ވަނީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރަޖިސްޓްރާ އެ މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ނިންމެވީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ 48 ގަޑިއިރު ފަހުން ކަމަށްވާތީ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކަމަށްވާ އިރު އެ މައްސަލަ ހުށަހަޅާފައި ވަނީ އޭޖީ އޮފީހުންކަމަށް ވާތީ ކަމަށެވެ.

ގަވާއިދު ގައިވާ ގޮތުން ބަންދުގެ މައްސަލަތަކުގައި ދަށުކޯޓުން ނެރޭ އަމުރު އިސްތިއުނާފްކުރާ ނަމަ 48 ގަޑިއިރުތެރޭގައި ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ.

ޣައްސާން މައުމޫން ހައްޔަރުކޮށްފައި ވަނީ އެންދެރިމާގޭ ކައިރީގައި އެމްޑީޕީ މީހުން ހިންގި ކަންތައް ގަނޑުގައި އެންދެރިމާގޭ މަތިންލަކުޑިބުރިއެއް ވައްޓާލިކަމަށް ބުނެ އެވެ.

ޣައްސާން މައުމޫން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޯށްފައިވާ އަމުރުގައި ބުނެފައި ވަނީ ޣައްސާން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސީއާއި ހިލާފަށް ކަމަށެވެ.