ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ޑިޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިހާބު ބާއްވާނީ އޯގަސްޓު މަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ.

މިހާރު ވަނީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަނޑިޔާރުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ 14:00 ށް ވަނީ ހުޅުވާލައިފައެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިންތިހާބުގައި ކުރިމަތިލެވޭނީ ދަށުކޯޓެއްގެ ފަނޑިޔާރުންނަށް އެކަންޏެވެ. އަދި އިންތިހާބަށް ކުރިމަތިލާ ފަނޑިޔާރުންނަކީ ޖޭއެސްސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.