ރާއްޖޭގެ ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ދަނޑުވެރިކަމުގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަ މީހަކު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުން އިންޑިއާއަށް ފޮނުވުމަށް ނިންމައިފި އެވެ.

ރާއްޖޭގައި އެކި ރަށްރަށުގައި ތިބޭނެ ދަނޑުވެރިކަމުގެ ފީލްޑް އޮފިސަރުން ތަމްރީންކުުރުމުގެ ގޮތުން އުމަރު މަނިކު ފައުންޑޭޝަން އިން ފިޝަރީޒް މިނިސްޓްރީއާ އެކު މިމަހު ކުރީ ކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސްކޮށްފަ އެވެެ.

އެ ޕްރޮގްރާމްގައި މިނިސްޓްރީގެ މުވައްޒަފަކާއި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ ހަ މީހަކު ބައިވެރިވެ އެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީ އަށް ކުރަން ޖެހޭ އެންމެހާ ޚަރަދުތައް ކޮށްދެއްވަމުން ގެންދަވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކޯހުގައި ބައިވެރިވާ ފަރާތްތަކުން ފުރާނީ މިމަހު 29ގައި ކަމަށެވެ. މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެެކެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ޓެމިލްނާޑޫ އެގްރިކަލްޗާ ޔުނިވާސިޓީގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ މުޙާތަބުކުރައްވައި ޒަހާ ވަނީ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އެނބުރި އައިސް ދަނޑުވެރިންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެެ.

އުމަރު މަނިކު ފައުންޑޭޝަންއިން ފިޝަރީޒް މިނިސްޓްރީއާ ދެމެދު ހަދައިފައިވާ އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗެލާސް ޑިގްރީ ހާސިލްކުރުމަށް ތިން ސްކޯލާޝިޕް ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.