މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސްއަށް 528 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

ބީއެމްއެލްއިން އިއްޔެ ވަނީ އެ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ބަޔާންތަކާއެކު ކުއާޓަލީ ރިޕޯޓު އާންމުކޮށްފަ އެވެ.

އެ ރިޕޯޓު ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރު ހިމެނޭ ގޮތުން އެ ބޭންކަށް އާމްދަނީގެ ގޮތުގައި 724 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބޭންކުން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ޖެހިފައިވަނީ 528 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްއިން ބުނީ އެކުންފުނީގެ ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ކުރިއެރުން ލިބުނު ކަމަށާއި، ބޭންކުން ދޫކޮށްފައިވާ ލޯނުތަކަށްވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

"ރައުސުލްމާލުގެ ފުދުންތެރިކަން ވަނީ ގާނޫނުން ލާޒިމުކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ،" ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، އެ ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓު ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ތައުލީމާއި ކުޅިވަރާއި ތިމާވެށި ދާއިރާގެ އިތުރުން ވޮލަންޓިއާ ޖަމިއްޔާތަކާއެކު 50 ޕްރޮޖެކްޓެއް ހިންގިކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި މަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ އާ ސީއީއޯއެއް ވެސް ހަމަޖައްސައިފަ އެވެ. ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފައިވަނީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، އިނގިރޭސި ވިލާތުގެ ޓިމޮސީ ސޯޔާ އެވެ.