25 Jul 2019, 11:23
މިއަހަރުގެ ހަ މަސްދުވަސް ފާއިތުވީ އިރު ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ދުވަހުގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިއަހަރު ފެށުނު އިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޓޫރިސްޓުން މަޑުކޮށްފައިވަނީ، އެވްރެޖްކޮށް 6.6 ދުވަހު އެވެ. އެހެން ނަމަވެސް، މިއަހަރުގެ ޖޫން މަސް ނިމުނު އިރު އެ އަދަދު ވަނީ، 6.1 ދުވަހަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރުގެ ހަ މަސްދުވަ ތެރޭގައި ޓޫރިސްޓަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރީ، 6.5 ދުވަހެވެ. އެހެން ނަމަވެސް، މިއަހަރުގެ ހަމަ މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ، 6.3 ދުވަހަށް ވެއްޓިފަ އެވެ. އެއީ، 0.2 ޕަސެންޓްގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ދުވަހުގެ އަދަދު އިތުރުވެފައި ވަނީ މިއަހަރުގެ މޭ މަސް ތެރޭގައި އެކަންޏެވެ. އެގޮތުން މޭ މަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުން ވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އެވްރެޖްކޮށް ހަތް ދުވަހު މަޑުކޮށްފަ އެވެ.
އެހެން ނަމަަވެސް، އެނދުގެ ނިސްބަތުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު، "ބެޑް ނައިޓްސް"އަށް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސެންޓްގެ ކުރިއެރުމެއް އައިސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތް މަސްދުވަހު ބެޑް ނައިޓްސް 4.7 މިލިއަން ރޭގައި ހުރި ނަމަވެސް، މިއަހަރުގެ މިހާތަނަށް އެ އަދަދު ހުރީ 5.4 މިލިއަން ރެއަށް އިތުރުވެފަ އެވެ.
ޓޫރިޒަމް ދާއިރާގެ އެހެން އިންޑިކޭޝަންތަކަށް ބަލާއިރު، ޓޫރިޒަމް ދާއިރާގެ އޮޕަރޭޝަންގައި ހުރި އެނދުގެ ތެރެއިން މިހާތަނަށް ބޭނުންކުރެވުނު އެނދުގެ އަދަދު ނޫނީ އޮކިއުޕަންސީ ރޭޓް ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ. އެއީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 63.5 ޕަސެންޓުން 65.9 ޕަސެންޓަށް އޮކިއުޕަންސީ ރޭޓް މަތިވުމެކެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހުރި އެނދުގެ އަދަދު ވަނީ 14 ޕަސެންޓް އިތުރުވެ، 48،825 އެނދަށް އަރައިފަ އެވެ. އެގޮތުން ރިސޯޓްތަކުގެ އެނދުގެ އަދަދު 16 ޕަސެންޓް އިތުރުވިއިރު، ގެސްޓް ހައުސްގެ އެނދުގެ އަދަދު 13.98 ޕަސެންޓް، ސަފާރީ ބޯޓްތަކުގެ އެނދުގެ އަދަދު 5.1 ޕަސެންޓް އަދި ހޮޓާތަކުގެ އެނދުގެ އަދަދު 0.5 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު 18.7 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް 862،589 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ޓޫރިޒަމްގެ އާމްދަނީއަށް ބަލާއިރު، ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ވަނީ އާމްދަނީ ލިބިފަ އެވެ.