31 Oct 2011, 17:08
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 11 ވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް
ހަމަޖެހިފައިވާކަން މެންބަރުންނަށް އަންގަމުން ގެންދާ ކަމަށާއި މާދަމާގެ ޖަލްސާގެ އެޖެންޑާ މެންބަރުންނަށް ފޮނުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ޖަލްސާއެއް ބޭއްވުމަށް ނިންމެވީ މަޖިލީހުގެ ޖަލްސާތައް ހުއްޓާލަމުން ގެންދާ މައްސަލައަށް ހައްލެއް ފެނިވަޑައިގެން ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އަމީން އާއްމު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލް އިސްމާއިލް އަބުދުލް ހަމީދު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނަވާ މައްސަލާގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި، މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާއިން ފެށިގެން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އަދި ޖަލްސާތައް މެދުކަނޑާލަން ޖެހޭ މައްސަލައަށް ހައްލެއް ނުހޯއްދަވައި، މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ބުނެ މިއަދުގެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާ މައްސަލައަށް ހައްލެއް ނުހޯދައި މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން ބިނާކުރަނިވި މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މެންބަރުންނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ. އަދި އެގޮތަށް ހަމެޖެއްސެވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން ކަމަށްވެސް ވެ އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ހިމެނެ އެވެ. މާދަމާ ގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 9:00 ގަ އެވެ.