ކޮލަންބޯ (ޖުލައި 25): މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ އައިއެސް ޖަމާއަތާ ގުޅުމެއް ނެތް ކަމަށް ސްރީލަންކާގެ ފުލުހުންގެ ޖިނާއީ ތަހުގީގުތަކާ ބެހޭ އިދާރާއިން ބުނެފި އެވެ.

އެޕްރީލް 21 ގެ ޓެރަރިސްޓް ހަމަލާތަކާބެހޭ ހަގީގަތްތައް ހޯދުމަށް މަސައްކަތްކުރާ ސްރީލަންކާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ބުނީ އެ ހަމަލާތަކާ އައިއެސް ޖަމާއަތާ އެއްވެސް ގުޅުމެއް ނެތްކަން ތަހްގީގްތަކުން ހާމަވާ ކަމަށެވެ. އެ ތަހުގީގުތަކުގެ އެންމެ ބޮޑު ބޭނުމަކީ އެހަމަލާތަކާ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންހުރިކަން ނުވަތަ ނެތްކަން ބެލުމާއި ހަމަލާތައް ދެވިފައިވަނީ ސްރީލަންކާގެ ޖާސޫސީ އިދާރާތަކުގެ އިހުމާލުންކަން ނުވަތަ ނޫންކަން ދެނެގަތުންކަމަށް ސީއައިޑީ ގެ ވެރިޔާ، ރަވީ ސެނެވިރަތުނަ ވިދާޅުވި އެވެ.

އެޕްރީލް 21 ގެ ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގީ ސްރީލަންކާގައި ހަރަކާތްތެރިވާ ދީނުގެ ނަމުގައި ދީނާ އިދިކޮޅު ފިކުރު ގެންގުޅޭ ތަކްފީރީ ޖަމާއަތެއް ކަމަށްވާ ނެޝެނަލް ތައުހީދު ޖަމާއަތުންކަން ކުރިންވެސް ފުލުހުންވަނީ ކަށަވަރުކޮށްދީފަ އެވެ. ސީއައިޑީ ކުރިޔަށްގެންދާ ފުޅާ ތަހުގީގުތަކުންވެސް ފެންނަނީ ހަމަ މި ހަގީގަތްކަމަށް ސެނެވިރަތުނަ ވިދާޅުވި އެވެ. ނަމަވެސް އެޕްރިލް 21 ގެ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އައިސިސްއިން އުފުލާދިނުމަށް ނެޝެނަލް ތައުހީދު ޖަމާއަތުން އައެސްގެ ކިބައިން އެދިފައިވާކަން ތަހުގީގުތަކުން އެނގޭކަމަށް ސެނެވިރަތުނަ ވިދާޅުވި އެވެ.

އެޕްރިލް 21 ގެ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އެހަމަލާތައް ދިންތާ ދެދުވަސް ފަހުން އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. ނެޝެނަލް ތައުހީދު ޖަމާއަތާއި އައިއެސް ޖަމާއަތާ ދެމެދު ގުޅުން އޮންނަކަން ސީއައިޑީ ގެ ތަހުގީގުތަކުން ހާމަވެފައިވާއިރު އެ ގުޅުންތައް އޮންނަ މިންވަރު ދެނެގަތުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ސްރީލަންކާ ފުލުހުންގެ ސީއައިޑީގެ ވެރިޔާ ވިދާޅުވި އެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 258 މީހުން މަރުވެފައިވާއިރު 500 މީހުން ޒަހަމްވި އެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮލަންބޯގެ ލަގްޒަރީ ބައެއް ހޮޓާތަކަށާއި އަދި ނަސާރާއިންގެ ބައެއް ފައްޅި ތަކަށެވެ.

ނެޝަނަލް ތައުހީދު ޖަމާއަތަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަންތައްތައް ދީނުގެ ނަމުގައި ކުރާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތަކަށްވިޔަސް އެޖަމާއަތުން އެ ކަންކަން ކުރަނީ އިސްލާމް ދީނުގެ ނަން ބޭނުންކޮށްގެން ކަމަށްވާތީ އެޕްރީލް 21 ގެ ހަމަލާތަކަށްފަހު ސްރީލަންކާގެ ކުށެއްނެތް މުސްލިމް ކޮމިއުނިޓީ އަށް އެކަމުގެ ބަދަލުހިފުމުގެ ހަމަލާތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

މިގޮތުން މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް ހަރުކަށި ބުޑިސްޓުން މުސްލިމުންގެ ގެދޮރަށާއި މިސްކިތްތަކަށާއި ފިހާރަތަކަށާއި ދަނޑުތަކަށް ހަމަލާދީ އަދި މުސްލިމުންނަށް ޖިސްމާނީގޮތުން އަނިޔާކޮށް ކުށެއްނެތް މުސްލިމުން މެރުމުގެ އަމަލުތައްވެސް ހިންގާފައިވެ އެވެ. (ރޮއިޓާސް + އާރުޓީ)