25 Jul 2019, 10:12
ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވާ ފަދަ ކަންކަން ކުރަމުން އަންނާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ބައެއް ރަށްތަކުގައި ފެން ފޯރު ކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހަދަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަން އީޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
އީޕީއޭއިން ފާހަގަ ކޮށްފައިވާ އިތުރު ކަންކަން:
- ރަށު ތެރޭގައި ފެން ބޮޑުވުމުން، އެ ފެނާއި ދިޔަދޮވިތަކުން ފައިބާ ފެން، ނަރުދަމާ ނިޒާމާ ގުޅުން
- ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނެގުން
- ގޭގޭގައި ނުވަތަ އެހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުން
- ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދަމާ ޖަންކްޝަނެއް ބަހައްޓާފައި ހުރުން
އީޕީއޭ އިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާ ކަމަށެވެ.
ހަމައެއާއެކު، މިއީ އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނާ ވެސް ހިލާފު ކަންތައްތަކަށް ވާތީ، މިފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެ އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.