ބޭއަދަބީ ވާހަކަތަކެއް ހިމެނޭ ޓެކްސްޓު މެސެޖުތަކެއް ލީކުވި މައްސަލައިގައި، އެމެރިކާގެ ކެރިބިއަން ޓެރިޓަރީ ޕުއާޓޯ ރީކޯގެ ގަވަރުނަރު ރިކާޑޯ ރޮސެއްލޯ އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.

ގަވަރުނަރު ރިކާޑޯއާއި އޭނާގެ އެކުވެރިންތަކެއްގެ މެސެޖުތަކެއް ލީކުވީ ޖުލައި 13 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 880 ސޮފްހާގެ އެ މެސެޖުތަކާ ގުޅިގެން، ޕުއާޓޯ ރީކޯގެ ވެރިރަށް ސަން ހުއާންގައި ހުންނަ ގަވަރުނަރުގެ ގަނޑުވަރުގެ ބޭރަށް ރައްޔިތުން އެއްވެ، ދިޔައީ މުޒާހަރާކުރަމުންނެވެ.

ލީކުވި މެސެޖުތަކުން ފެންނަ ގޮތުން، ގަވަރުނަރާއި އޭނާގެ އެކުވެރިން ވަނީ ބައެއް ރައްޔިތުންނަށް ކުޑައިމީސްކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައެވެ. އަދި ބޭއަދަބީ ބަހުރުވައިން މީހުންނަށް މުހާތަބުކޮށްފައި ހުއްޓެވެ.

ވީޑިއޯ މެދުވެރިކޮށް ގަވަރުނަރު އިއްޔެ ދެއްވި ބަޔާނެއްގައި ވިދާޅުވީ އޯގަސްޓް ދެވަނަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އަދި އެ މުއްދަތަށް އޭނާ ގަވަރުނަރުގެ މަގާމުގައި ހުންނަވާނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ އޮމާންކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 40 އަހަރުގެ ގަވަރުނަރު ރިކާޑޯ އިސްތިއުފާ ދެއްވުމުން ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޕުއާޓޯ ރީކޯގެ ޖަސްޓިސް ސެކްރެޓަރީ ވަންޑާ ވަޒްކުއެޒްއެވެ.

ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދިޔަ ދަނޑިވަޅުގައި މި ހަފްތާގެ އާދީއްތަ ދުވަހު ގަވަރުނަރު ރިކާޑޯ ވަނީ އަންނަ އަހަރު ގަވަރުނަރު ހޮވުމުގެ އިންތިހާބަށް ކުރިމަތި ނުލައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ލީކުވި މެސެޖުތަކުގައި ދައްކާފައި ހުރި ވާހަކަތަކާ މެދު އާންމުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

ލީކުވި މެސެޖުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ ރިކާޑޯ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.