ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އައްޔަނު ކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ގާނޫނީ ވަކީލުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.

ބާ ކައުންސިލުން އިއްޔެ އާންމު ކުރި ލިސްޓުގައި ވާގޮތުން، އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 1487 ވަކީލަކަށް ލިބިގެންވެއެވެ.

ބާ ކައުންސިލް އިންތިހާބާ އެއްގޮތަށް، ޖޭއެސްސީ އިންތިހާބުގައި ވެސް ބަހައްޓަން ނިންމައިފައި ވަނީ ތިން ވޯޓު ފޮށްޓެވެ. އެއީ މާލޭގައި ދެ ފޮށި އަދި އައްޑޫ ސިޓީގައި އެއް ފޮށްޓެވެ.

މާލޭގައި ބަހައްޓާ ދެ ފޮށްޓަށް ވޯޓު ލުމަށް 1478 ވަކީލުން ރަޖިސްޓްރީ ކޮށްފައި ވާއިރު، އައްޑޫގައި ބަހައްޓާ ފޮށްޓަށް ވޯޓު ލާނީ ނުވަ ވަކީލުންނެވެ.

ޖޭއެސްސީ އަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާނީ މި އަންނަ ހޮނިހިރު ދުވަހުއެވެ. ބާ ކައުންސިލުން އިންތިޒާމުކޮށް ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އެ އިންތިހާބުގައި ހަ ވަކީލުން ވާދަކުރެ އެވެ. އެ ވަކީލުންނަކީ:

1. އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ
2. އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ
3. އަހްމަދު ނަޝީދު ހުސައިން، ދަފްތަރު ނަންބަރު ރސ 1890
4. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ.މާވަށް
5. މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
6. އަބްދުލްހަންނާން އަހްމަދު، ގ.އަސްމަހި، މާލެ

ޖޭއެސްސީގައި ކުރިން ވަކީލުން ތަމްސީލު ކުރައްވަމުން ދިޔައީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބުގެ ވަކީލުކަމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

ނަމަވެސް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފަ އެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.