ފިރިހެން ކުދިންގެ ފުރަތަމަ ސްކޫލް، މަޖީދިއްޔާ ސްކޫލާ މެދުޒިޔާރަތްމަގު ހުރަސްކޮށް ގުޅާލާ ބަޔާ ދެމެދު މަގުގައި ހަދަން ކުރަހައި އަދި ބަޔަކާ މަސައްކަތް ހަވާލު ކުރި "އޯވާހެޑް ހޯލް" ނުހެދޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު މިއަދު ވިދާޅުވީ މަޖީދިއްޔާގެ ދެކުނު ފަރާތުން މަގު ހުރަސްކޮށް، ކުރީގެ ގައުމީ މަރުކަޒު ހުރި ތަނާ ގުޅާލުމަށް ހަދާ އިމާރާތާ ދޭތެރޭ 20 ފޫޓް މަތިން، ގާތްގަނޑަކަށް 70 ވަރަކަށް ފޫޓު ފުޅާ ހޯލެއް މަގު މަތީގައި ނުހެދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށް އަންގަވާފައިވާނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަދި އެކަން އަންގަވާފައި ވާނީ އަނގަބަހުން ކަމަށާއި އަދި ވަރަށް އަވަހަށް ލިއުމުން ވެސް އެ މިނިސްޓްރީ އަށް އެކަން އަންގަވާނެ ކަމަށެވެ.

"ހޯލެއް ނުހެދޭނެ މަގުހުރަސްކޮށެއް، އެކަމަކު ބްރިޖަކުން ގުޅާލެވިދާނެ. އެކަން ވާނީ އެޑިޔުކޭޝަނަށް އަންގާފައި،" އަސްލަމު ވިދާޅުވި އެވެ.

ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޔޫސުފު މިއަދު ވިދާޅުވީ އެ މިނިސްޓްރީ އަށް އެކަން އަދި އަންގާފައި ނުވާ ކަމަށާއި ހުއްދައިގެ ކަންތައްތަކާ މާލޭ ސިޓީ ކައުންސިލާ ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލުން ބުނަނީ ހައުސިން މިނިސްޓްރީގެ ލަފައަކަށް އެދިފައިފައިވާ ކަމަށް،" ޔޫސުފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖީދިއްޔާ ސްކޫލާއި ކުރީގެ ގައުމީ މަރުކަޒު ހުރި ތަނާ ގުޅާލުމަށް ހަދާ އިމާރާތުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ ތަން ތަޅާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހަންނާނު ޔޫސުފުސް އެންޑް އާކިޓެކްޓްގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހަންނާނު ޔޫސުފު މިއަދު ވިދާޅުވީ މެދުޒިޔާރަތްމަގު ހުރަސްކޮށް ހޯލެއް ހެދުމަށް ޑިޒައިން ކުރެއްވީ އިމާރާތުގެ ވެރިފަރާތުން އެ ކޮންސެޕްޓް ދެއްވުމުން ކަމަށާއި އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވެސް އެއީ މައްސައެއް ނޫން ކަމަށެވެ.

މަޖީދިއްޔާ ސްކޫލްގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް14 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ޔޫމަން ކޮންސްޓްރަކްޝަން ކުންފުންޏާ އެކު ސޮއި ކުރީ މި އަހަރު އޯގަސްޓް 24 ގަ އެވެ.

ބާރަ ކްލާސްރޫމާއި 14 ފާހާނާއި މަލްޓިޕާޕާސްރޫމް، ހަތަރު ސްޓޯރޫމް އަދި ވުޟޫކުރާ ދެތަން ހިމެނޭ ހަތަރު ބުރީގެ މިއިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ކުރީގެ ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު ހުރި ބިމުގަ އެވެ.

އެ ދެ ގޯތި މެދުގައި 20 ފޫޓުމަތިން ގައުމީ މަރުކަޒުން ބަޔަކާ އެކު މަގުމަތީގައި 500 ކުދިންގެ ހޯލެއް ހެދުމަށް ވަނީ ޕްލޭންކޮށްފަ އެވެ.