14:30


މިނިސްޓްރީތައް ހިނގާނެ ރަނގަޅު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ވަޒީފާއިން ކުރައްވައި އެ މަގާމުތައް އެމްޑީޕީގެ މެންބަރުންނަށް ދިނުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވައިފި އެވެ.


ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ސިވިލްއޭވިއޭޝަން މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލު މަޖިލީހުން ފާސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، މިނިސްޓްރީތަކުގެ ހިންގުން ހަރުދަނާކުރަންޖެހިފައިވާކަން ފާހަގަކުރައްވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، އަވަސް އަވަހަށް މިފަދަ ބަދަލުތައް ގެންނަންޖެހެނީ، މިނިސްޓްރީތަކުގެ އިސް ވެރިންގެ މެދުގައި އޮންނަންވާ ގުޅުން ނޯންނާތީ ކަމަށެވެ. އަދި މިއީ ކޯލީޝަނެއް ހަދައި އެ ކޯލީޝަނަށް ނިސްބަތްވާ ބޭފުޅުންނަށް ސަރުކާރު ބައިބައިކޮށް ބެހުމުގެ ހިތި ނަތީޖާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.


ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ، މިއީ މުއައްސަސާތަކުގެ ކޯޅުމުގެ ސަބަބުން ރައީސް ނަޝީދަށް ގެންނަވަން ޖެހިވަޑައިގަންނަވާ ބަދަލެއް ކަމަށެވެ. އަދި އަވަސް އަވަހަށް މިފަދަ ބަދަކުތައް ގެނައުމުގެ ސަބަބުން އެ ތަންތަނުގައި ތުބޭ މުވައްޒިފުންނަށާއި، ރައްޔިތުންނަށް ދަތި އުދަގޫތައް ދިމާވެ ބިކަވަމުންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ވަކި ޕާޓީއެއްގެ މެންބަރަކަށް ވާތީ ވަޒީފާއިން ވަކިކުރުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީއަށް ނިސްބަތްނުވާ ބޭފުޅުން ވަޒީފާއިން ވަކިކުރުމަށް އެމްޑީޕީގެ މެންބަރުން ގޮވާލި ނަމަވެސް ރައީސް ނަޝީދު އެކަމަށް އަމަލު ކުރައްވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.