ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ އެއާޕޯޓުން ގިނަ އަދަދެއްގެ ވަޒީފާތަކެއް އިއުލާންކޮށްފިއެވެ.

އެ އާއާޕޯޓުން ވަނީ 13 ދާއިރާއަކުން 25 މީހުން ހޯދުމަށް މިއަދު އިއުލާންކޮށްފައެވެ.

ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ޑިރެކްޓަރެއްގެ ވަޒީފާއާއި އެޑްމިނިސްޓްރޭޓިވް އާއި އެކައުންޓް އޮފިސަރުންގެ އިތުރުން އެސިސްޓެންޓް ފަޔާ ފައިޓަރުންގެ އިތުރުން ފަޔާ އޮފިސަރުންނާއި ޑްރައިވަރުންނާއި ގާޑުން ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް އެއާޕޯޓްސްއިން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހު ފަސް ވަނަ ދުވަހުގެ ކުރިން ލިޔެކިޔުންތަކާއެކު ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ބުނީ އެ ވަޒީފާތަކުގެ އިންޓަވިއުތައް އަންނަ މަހުގެ ހަވަނަ އަދި ހަތްވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުން ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާންކުރިއިރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިދިޔަ މަހު ވިދާޅުވީ އަންނަ ބޮޑު އީދުގެ ކުރިން އެ އެއާޕޯޓްގައި ފްލައިޓްތައް ޖެއްސޭނެ ކަމަށެވެ.

ކުރީ ސަރުކާރުގައި ފެށި އެއާޕޯޓްގެ ޓާމިނަލްގެ 90 ޕަސެންޓް މަސައްކަތް ނިންމާފައިވާއިރު، ފަޔާ ބިލްޑިންގުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެެ.