ލަންޑަން (ޖުލައި 24): އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ ލީޑަރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އާ އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ރަސްމީ ކޮށް ހަވާލު ކުރައްވައިފިއެވެ.

މިކަން ހަވާލުކުރެއްވީ އިނގިރޭސި ރަސްކަމުގެ މައި ގަނޑުވަރުކަމަށްވާ ބަކިންހަމް ޕެލަސްގައި އެލިޒަބަތު ދޭއް، ބޮރިސް ޖޯންސަންއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. ސަރުކާރެއް އެކުލަވާލުމުގެ ހުއްދަ ލިބިވަޑައިގަތުމާއެކު އިނގިރޭސި ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގެން ޖޯންސަންވަނީ ނޫސް ކޮންފަރެންސެއް ބާއްވައި އެކަން އިއްލާން ކުރައްވާފައެވެ.

އެނޫސް ކޮންފްރެންސްގައި ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގޭސި ރައްޔިތުންގެ އަޣްލަބިއްޔަތުން ނިންމާފައިވާއިރު އޭނާގެ ސަރުކާރުގެ އެންމެ އިސްކަމަކަށްވާނީ ބްރެކްސިޓްގެ މައްސަލަ ރައްޔިތުން އެދޭގޮތަށް ނިންމުންކަމުގައެވެ. މިގޮތުން އަންނަ އޮކްޓޯބަރު 31 ގެ ކުރިން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެކަން ޖޯންސަން ކަށަވަރުކޮށްދެއްވިއެވެ.

އަދި އެކަން ކުރާނީ ބްރެކްސިޓްގެ މައްސަލާގައި ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭގެ ސަރުކާރުން ޔޫރަޕްގެ އިއްތިޙާދާއެކު ވެފައިވާ އެއްބަސްވުމަށްވުރެ އިނގިރޭސި ދައުލަތަށް ފައިދާ ބޮޑު އެއްބަސްވުމަކުން ކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ. ނަމަވެސް އެ ގޮތަށް ކަންތައް ނުވެއްޖެނަމަ އެއްބަސްވުމަކާނުލައިވެސް އޮކްޓޯބަރު 31 ގެ ކުރިން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެކަމަށް ޖޯންސަން ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ތެރޭސާ މޭގެ ސަރުކާރުގެ ބައެއް ވަޒީރުންވަނީ ޖޯންސަން އެކުލަވާލައްވާ ސަރުކާރުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވާފައެވެ. ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ތެރޭސާ މޭގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޖެރިމީ ހަންޓާއި މާލީ ވަޒީރު ފިލިޕް ހާމޮންޑް ހިމެނިވަޑައިގަންނަވައެވެ. ޖެރިމީ ހަންޓަކީ ކޮންޒަވެޓިވް ޕާޓީގެ ލީޑަރަކު ހޮވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިޚާބުގައި ބޮރިސް ޖޯންސަން އާ ވާދަކުރައްވައި ބަލިވަޑައިގެންނެވި ކެންޑިޑޭޓެވެ. ޖޯންސަންވަނީ ދިފާއީ ވަޒީރުކަމުގެ މަގާމު ހަންޓަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ހަންޓްވަނީ އެމަގާމު ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ މައްސަލާގައި ޖޯންސަން ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް ކޮންޒަވެޓިވް ޕާޓީގެ ބައެއް އިސް ބޭފުޅުން ތާއީދެއް ނުކުރައްވައެވެ. ބްރެކްސިޓްގެ މައްސަލާގައި 2016 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ކޭންޕޭންކުރި ދުވަސްވަރު ޖޯންސަންވަނީ ޔޫރަޕްގެ އިއްތިޙާދަކީ ޔޫރަޕް އިސްތިއްމާރު ކުރުމަށްޓަކައި ޖަރުމަނުވިލާތުގެ ކުރީގެ ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރު ގެންގުޅުއްވި ޔޫރަޕް އިސްތިއުމާރު ކުރުމުގެ ފިކުރުގެ ތެރެއިން ޖަރުމަނު ލީޑު ކުރާގޮތަށް މަކަރުވެރި ގޮތެއްގައި އުފެއްދި ޖަމާއަތެއްކަމަށް ސިފަކުރައްވައި ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ޖަރުމަނަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އަދި ޔޫރަޕްގެ އިއްތިޙާދަށް ކޮންމެ ހަފްތާއަކު 350 މިލިޔަން ޑޮލަރު އިނގިރޭސިވިލާތުން ޚަރަދު ކުރަންޖެހޭ ކަމަށް ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވިކަމުގެ ތުހުމަތު ޖޯންސަންގެ މައްޗަށް ކުރެވިފައިވެއެވެ. ނަމަވެސް ޔޫރަޕްގެ އިއްތިޙާދަށް އިނގިރޭސި ސަރުކާރުން ޚަރަދު ކުރަނީ މީގެ ދެބައިކުޅަ އެއްބައަށްވުރެވެސް ކުޑަ މިންވަރެއްކަން ފަހުންވަނީ ފަޅާއަރާފައެވެ.

ބޮރިސް ޖޯންސަންއަކީ އެކި ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ހަރުކަށި ބަޔާންތައް ދެއްވާ ޕޮޕިއުލިސްޓް ފިކުރުގެ ހަރުކަށި ބޭފުޅެކެވެ. އެހެންކަމުން ޖޯންސަންއަކީ އިނގިރޭސިވިލާތުގެ ޓްރަމްޕް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ކަނާތު ފިޔައިގެ ގައުމީ ފިކުރުގެ ޖޯންސަން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޥާދަކުރެއްވި އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނަކީ ނަރުހަކަށް ނޫން އެހެން ކަމަކަށް ކަމުނުދާ ބޭފުޅެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހިލަރީ އަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ތުރުކީ ދަރިކޮޅުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޖޯންސަންއަކީ އިނގިރޭސިވިލާތަށް ހިޖްރަކުރައްވައިގެން އުޅުއްވާ ބޭފުޅެކެވެ. ޖޯންސަން އުފަންވެ ވަޑައިގެންފައިވަނީ 1964 ވަނަ އަހަރު އެމެރިކާގެ ނިޔުޔޯކަށެވެ. އޭނާއަކީ އެމެރިކާގެ ރައްވެހިކަންވެސް އޮންނަ ބޭފުޅެކެވެ. ޖޯންސަންއަށް ފާޑުކިޔާ ފަރާތްތަކުން ދެކެނީ އޭނާއަކީ އެމެރިކާގެ ޓްރަމްޕް ފަދަ ތަސައްރަފް ނުފުދޭ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޖޯންސަންއަކީ މާތްވެގެންވާ އިސްލާމް ދީނަށްވެސް މަލާމާތް ކުރައްވައި ފޮތެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ޖޯންސަންއަކީ އެހެން ގައުމުތަކުގެ މީހުން އިނގިރޭސިވިލާތަށް ހިޖްރަ ކުރުމާވެސް އިދިކޮޅު ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)