މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު އެކުލެވޭގޮތް ބަދަލުކުރަން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ މިއީ މީރާގެ ހިންގުން ހަރުދަނާކޮށް، މީރާގެ ކޮމިޝަނަރު އަދި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު މިހާރަށް ވުރެ ބޮޑަށް ހާމަކޮށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން އެކުލަވާލި ބިލެއް ކަމަށެވެ.

އެ ބިލްގައި އިސްލާހު ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މީރާގެ ކޮމިޝަނަރު އަދި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ކަނޑަ އެޅުން ހިމެނެއެވެ. މިހާރު މީރާގެ ގާނޫނުގައި އެ ދެ މަގާމުގެ މުއްދަތަކެއް ކަނޑައަޅާފައެއް ނުވެއެވެ.

އޭގެ އިތުރުން މީރާގެ ބޯޑުގައި އެ މުވައްސަސާ ތަމްސީލްކުރާނެ ފަރާތެއް ކަނޑައަޅައި އަދި ބޯޑު އެކުލެވޭ ގޮތް ބަދަލުކޮށް ހިންގުން ހަރުދަނާކުރުމަށްވެސް ވަނީ ބިލްގައި ހުށަހަޅައިފައެވެ. އެބިލްގައި މީރާގެ ބޯޑުގެ މެމްބަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަން ޖެހޭގޮތަށްވެސް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ނިންމާ ނިންމުމެއް އިއުތިރާޒްކޮށް ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ މައްސަލަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށްވެސް އިސްލާހު ހުށަހަޅައިފައިވެއެވެ.

ޓެކްސް ދައްކަން ޖެހޭ މިންވަރާމެދު ހިތްހަމަނުޖެހި މައްސަލަ ހުށަހަޅާއިރު ކުރިން އަމަލުކުރަމުންދާ އުސޫލަށްވެސް ބަދަލުގެނައުމަށް ބިލްގައި ވަނީ ހިމަނައިފައެވެ. ކުރިން މައްސަލަ ހުށަހަޅާއިރު ޓެކްސް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޚަލާސް ކުރަން ޖެހެއެވެ. ނަމަވެސް އާ އިސްލާހުގައި ޓްރައިބިއުނަލްއަށް ޓެކްސްގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭނީ ދައްކަން ޖެހޭ އަދަދުގެ 30 ޕަސެންޓްކަމަށް ވަނީ ބުނެފައެވެ.

އާ ބިލްގައި ޓެކްސް ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކަށް ޓެކްސް ރޫލިން މެދުވެރިކޮށް ބަދަލުގެންނާތީ އެފަދަ ރޫލިންތަކަށް އަމަލުކުރުމުގައި ވަކި މުއްދަތެއް ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅައިފައެވެ.