24 Jul 2019, 17:36
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިން އަދިވެސް އެމްއެމްއޭއާއި ދައުލަތުގެ އެހެނިހެން މަގާމުތަކުގައި އެބަ ތިބި ކަމަށް މިއަދު އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ނަސީރު އިސްތިއުފާދެއްވީ އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު ވިދާޅުވީ ނަސީރު އެމްއެމްއޭގެ ޓެރަސްގައި އަޝްރަފާ ބައްދަލު ކުރެއްވި ކަމަށާއި ބައްދަލު ކުރައްވަން ވަޑައިގަން އިރު ފޯނު ނުގެންދެވުމަށް އެދިވަޑައިގަތް ކަމަށެވެ. އަދި ބައްދަލު ކުރައްވައި ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ހައިޕްރޮފައިލް ބޭފުޅުންގެ މައްސަލަތައް ނުފޮނުވުމަށް އެދިވަޑައިގަތް ކަމަށް އަޝްރަފު ތުހުމަތުކުރެއްވި އެވެ.
މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން ނަސީރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ މަގާމާ ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިނގުމުގެ ފަހުން ކަމަށެވެ. އަދި އޭރު އެމްއެމްއޭގެ ލީޑަޝިޕުގައި ތިބި މީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އާދަޔާ ހިލާފަށް ގިނައިން ބައްދަލު ކުރި ކަމަށް އޭނާގެ ބަޔާނުގައިވެއެވެ.
"އެ [އެމްއެމްއޭގެ ކުރީގެ ލީޑާޝިޕުގެ] މީސް މީހުން މިހާރުވެސް އެމްއެމްއޭއާއި ދައުލަތުގެ އެހެން މަގާމުތަކުގައި އެބަ ތިއްބެވެ. އެކަންތައް ހިނގާފައި ވަނީ ކިހިނެއްތޯ ބެލުމަށް އަޅުގަނޑު މަސައްކަތް ކުރުމުން އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާ ކަމީ މިއަދު ފެންނަ އޮތް ހަގީގަތެކެވެ. މި ދެންނެވި ހިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް އަދިވެސް ވަނީ ނުބެލިފައެވެ."
އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލިފައިވާ ފައިސާ ހޯދައި އިތުބާރު އަލުން ހޯދުމާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ދައުލަތުގެ ތެރޭގައި އުޅޭ ކަމަށް ނަސީރުގެ ބަޔާނުގައިވެއެވެ.
"މި ދަނޑިވަޅުގައި ސިޔާސީ ނުވަތަ އެ ނޫންވެސް ބޭނުމެއްގައި އަޅުގަނޑުގެ މައްޗަށް ރަނގަޅު ނޫން ތުހުމަތުތަކެއްކޮށް، އަޅުގަނޑަށް އަމާޒުކޮށް ހިންގާ ކަންތަތަކެއްގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އެމްއެމްއެމޭއަށް ލިބިފައިވާ ކުރިއެރުންތައް ގެއްލިގެން ދިޔުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫނެވެ. އެ ފުރުސަތު މި ދެންނެވި މީހުންނަށް ދޭކަށް އަޅުގަނޑު ބޭނުމެއްވެސް ނޫނެވެ."
ނަސީރު ވިދާޅުވީ އެމްއެމްއޭއާ ހަވާލުވި އިރު އެމްއެމްއޭގެ ހިންގުން އޮތީ ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތަށް ފަހު ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ރަނގަަޅަށްކޮށް، މާލީ އިދާރާތަކަށް އޭނާއަށް އިތުބާރު ހޯދައިދެވުނު ކަމަށް ނަސީރު ވިދާޅުވިއެވެ.
ނަސީރު ގަވަރުނަރުގެ މަގާމުގައި ހުންނަވައިގެން ވަނީ އަޝްރަފު އެފްއައިޔޫއިން އެހެން މަގާމަކަށް ބަދަލުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ނަސީރު ވިދާޅުވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ ޔުނިޓުން ގާނޫނު ލާޒިމު ކުރާ ރިޕޯޓުތައް ނަހަދާ ނަމަ އެކަމާ ފަރުވާ ކުޑަ ކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަކީ އޭނާ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް އޭނާ ކުރެއްވީ ގާނޫނުގައިވާ ގޮތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ތުހުމަތުތަކާ ކުރިމަތިލުން އެންމެ ރަނގަޅީ މަގާމުން ވަކިވެގެން ކަމަށް ދެކޭ ކަމަށެވެ.
"އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތާއި ގަދަރަށާއި އެމްއެމްއޭއަށް އުނިކަން ލިބުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ލިބޭ ގެއްލުމަށް ވުރެ މާ ބޮޑު ގެއްލުމެއް ކަމަށެވެ. އަޅުގަނޑަށް ފެނުނީ އަޅުގަނޑު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުރެގެން އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭ ތާކުންތާކުން ނުޖެހޭ ކަންތައްތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އެއެމްއޭއަށާއި އަޅުގަނޑަށްވެސް މާ ފައިދާ ބޮޑުވާނެ ކަމަށެވެ."
މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މީގެ ކުރިން ނަސީރު ވިދާޅުވީ އެމްއެމްއޭއާ ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް ކަމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރަމުންދާތީ އެކަން ބެލުމަށް ކުރި މަސައްކަތުގައި އޭރުގެ އެފްއައިޔޫގެ ހެޑް އަޝްރަފްގެ އެއްބާރުލުން ލިބިފައި ނުވާކަން ނަސީރު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެފްއައިޔޫގެ ހެޑްގެ މަގާމުން އޭނާ ދުރަށް ޖައްސަން ޖެހުނު ކަމަށް ނަސީރު ވިދާޅުވި އެވެ.