24 Jul 2019, 17:33
މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު ކުޅުނު ޓީޓީ ޑަބަލްސް އިވެންޓު ތަކުން ގުރޫޕް ގެ އެއްވަނައިގައި ރާއްޖެ ތަމްސީލު ކުރާ ދެ ޕެއާ ވެސް ކުއާޓާގައި ކުޅެ މިހާރު ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ރަފާ އާއި ދީމާގެ ޕެއާ އިން ކުއާޓާ ފައިނަލުގައި ކުޅެނީ. --އެމްއޯސީ ފޮޓޯ// އިސްމާއިލް ތޯރިގް
މިފަހަރުގެ ޓީޓީ ޓީމު އިވެންޓުން ރަން މެޑަލް ހޯދި ހަތަރު ކުޅުންތެރިން ޑަބަލްސް އިވެންޓުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ފައިނަލުގައި ރާއްޖޭގެ ދެ ޕެއާ ކުޅެން ޖެހުމުގެ ފުރުސަތު ބޮޑެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އިވެންޓުގެ ދެފަޅީގައި ވެސް ރާއްޖޭގެ ޕެއާއެއް ވާދަ ކުރާނެ އެވެ.
އެގޮތުން ގުރޫޕް އޭ ގައި ވާދަ ކުރި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީގެ ޕެއާ ސެމީ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ޓީމާ ވާދަކޮށް 1-4 ސެޓުން މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ދެ ސެޓު ރާއްޖޭގެ ޕެއާއިން ކާމިޔާބު ކުރީ 6-11 އަދި 9-11 އިންނެވެ. އެއަށްފަހު ތިން ވަނަ ސެޓު މޮރިޝަސްއިން ގެނައީ 10-12 އިންނެވެ. ނަމަވެސް ފަހު ސެޓު ރާއްޖެއިން އަނެއްކާ ވެސް ކާމިޔާބު ކުރީ 8-11 އާއި 5-11 އިންނެވެ.
ގުރޫޕް ބީގައި ވާދަ ކުރި ރާއްޖޭގެ ދެވަނަ ޕެއާ ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ސެމީ ފައިނަލުގައި ކުޅުނު މޮރިޝަސްގެ ދެވަނަ ޕެއާ ބަލިކުރީ ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް މި ޕެއާއިން ގެނައީ 12-14 އާއި 9-11 އަދި 8-11 ގެ އިތުރުން 6-11 އިންނެވެ.

މުއީނާ އާއި ޖުމާނާގެ ޕެއާ އިން ކުއާޓާ ފައިނަލުގައި ކުޅެނީ ---އެމްއޯސީ ފޮޓޯ// އިސްމާއިލް ތޯރިގް
ސެމީ ފައިނަލުގައި ދީމާ އަދި ރަފާގެ ޕެއާއިން ބައްދަލު ކުރަން ޖެހޭނީ ގުރޫޕް އޭގެ ކުއާޓާ ފައިނަލުގައި ވާދަ ކުރި ސީޝެލްސްއާއި މޮރިޝަސްގެ މެޗުން މޮޅުވި މޮރިޝަސްގެ ޕެއާއާއެވެ.އަދި މުއީނާއާއި ޖުމާނާގެ ޕެއާއިން ވާދަ ކުރަން ޖެހޭނީ ރީޔޫނިއަނާއި މަޑަގަސްކަރ ވާދަކުރާ މެޗުން މޮޅުވި މަޑަގަސްކަރ ޕެއާއާ އެވެ.