31 Oct 2011, 16:32
ބ. ތުޅާދޫ ކައުންސިލަރުގެ މަގާމުން ވަކިކޮށްފައިވާ އުމެއިރާ އަބޫބަކުރުގެ މައްސަލަ މިއަދު ތުޅާދޫ ކޯޓަށް ޑީއާރުޕީގެ ފަރާތުން ހުށައަޅައިފި އެވެ.
މިއަދު ޑީއާރުޕީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެ މައްސަލަ ތުޅާދޫ ކޯޓަށް ޑީއާރުޕީގެ ފަރާތުން ހުށައެޅީ މިދިޔަހަފްތާގައި ތުޅާދޫ ކައުންސިލްގެ ގޮނޑި ނުގެއްލޭނެ ކަމަށް ޑީއާރުޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ހުށައެޅި މައްސަލަ ބެލޭނީ ތުޅާދޫ ކޯޓުގައި ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ރޮޒެއިނާ ވިދާޅުވީ އެއްވެސް ފަރާތަކުން ގޮނޑި ނުގެއްލޭ ކަމަށް އެދި ކޯޓަކަށް މައްސަލަ ހުށައަޅާފައި ނުވާ ކަމަށް މީގެކުރިން އިލެކްޝަނުން ބުނެފައިވާ ކަމަށާއި މިހާރު އެގޮތަށް އެ މައްސަލަ ހުށައެޅުމުން އިލެކްޝަނުން ކޯޓުން މައްސަލަ ވަކިގޮތަކަށް ނިމެންދެން އިންތިހާބު ފަސްކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ތުޅާދޫ ކޯޓަށް މި މައްސަލަ ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ރަށުގައި އިންތިހާބު ބޭއްވުން ފަސްކުރާނެ ކަމަށެ. އަދި ކޯޓުން އަމުރު ނެރުމުގެ ކުރިން ވެސް އިލެކްޝަނުން އެކަން ކުރާނެކަމަށް އުއްމީދުކުރަން ޒިންމާދަރު ގޮތަކީ އެމީހަކު ގޮނޑި ނުގެއްލޭ ކަމަށް މައްސަލަ ކޯޓަށް ހުށައެޅުމުން އިލެކްޝަން ފަސްކުރުން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ ތުޅާދޫ ކޯޓަކީ މިވަގުތު ގާޒީއެއް ނެތް ކޯޓަކަށް ވާތީ ވީހާ ވެސް އަވަހަށް އެ ރަށަށް ގާޒީއެއް ޖުޑީޝަލް ސާރިވިސް ކޮމިޝަނުން ފޮނުއްވުމަށް ފަހު ނަމަވެސް އަވަހަށް އެ މައްސަލަ ނިންމައިދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ތުޅާދޫ ބައިއިލެކްޝަން އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމައިފަ އެވެ.